ނެޓްބޯލް އެސޯސިއޭޝަނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ އަބްދުއްރައްޒާގް އިބްރާހިމްއާއި ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ އައިމިނިަތު ޝާޒްލީން މަޝްވަރާކުރައްވައިފިއެވެ.

އައިލަވް ސްޕޯޓްސް ކެމްޕއިންގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނުން އިއްޔެ ނެޓްބޯލް އެސޯޗިއޭޝަނަށް ކުރި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ވާހަަކަދައްކާފައިވަނީ ނެޓްބޯޅަ އިދާރާ ހިންގާ އިމާރާތް މިހާރަށް ވުރެ ފެންވަރު ރަނަގޅުކުރުމާއި ނެޓްބޯޅަ ކުޅޭނެ ފެންވަރު ރަނގަޅު ކޯޓެއް އެޅުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ޝާޒްލީން ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރެއިން މުހިއްމު މައުލޫތަކަކަށް މަޝްވަރާ ކުރެވުނު ކަމަށާއި ނެޓްބޯޅަ އެސޯސިއޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސްޕޯޓްސް ކޯޕަރޭޝަނުން ދެއްވާފައިވާކަމަށެވެ.

"މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާ ގުޅޭ މަޝްވަރާތައް، އެކަންކަން ވަރަށް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވީ،" ޝާޒް ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މުވައްޒަފުން ނެޓްބޯޅަ އެސޯސިއޭޝަނަށް ކުރި މި ޒިޔާރަތުގެ ތެރެއިން ކޯޕަރޭޝަންގެ މުވައްޒަފުންނާއި ނެޓްބޯލް އެސޯސިއޭޝަންގެ ޓީމަކާ ދެމެދުވަނީ ހާއްސަ ނެޓްބޯޅާ މެޗެއްވެސް ކުޅެފައެވެ.