ބިހާރު: ގޮތްނޭންގޭ ބައްޔެއްގައި އިންޑިޔާގެ ބިހާރު ސްޓޭޓްގެ 32 ކުއްޖަކު މިދިޔަ ހަފްތާގައި މަރުވުމާގުޅިގެން އެސްޓޭޓްގެ ޑޮކްޓަރުންނާއި ސިއްޙީ ދާއިރާއިން ކަންބޮޑުވާކަން ހާމަކޮށްފި އެވެ.

އިންޑިޔާގެ އިރުމަތީގެ ފަގީރު ސްޓޭޓެއް ކަމަށްވާ ބިހާރުގެ ސިއްޙަތާބެހޭ ވަޒީރު ބީތިޝްކުމާރު ވިދާޅުވިގޮތުގައި މިބަލިފެނިފައިވަނީ އެސްޓޭޓްގެ އަރުޖުން ޕްރަސާދު ނަމަކަށްކިޔާ ރައްފުށުގެ ސަރަޙައްދަކުންނެވެ.

މިބަލިޖެހިގެން ޢުމުރުން ދެއަހަރާއި 8 އަހަރުގެ 32 ކުއްޖަކު މަރުވެފައިވާއިރު އިތުރު 70 ކުއްޖަކަށް މިބަލިޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިބައްޔާބެހޭ ދިރާސާތައް ކުރަމުން ގެންދާ ބިހާރުގެ ޑޮކްޓަރުންގެ ޓީމަކުން ބުނިގޮތުގައި މިބަލީގެ ޢަލާމާތްތަކަކީ ގަދައަށް ހުން އައިސްފައި ހޭނެތޭގޮތްވުމެވެ. ބޭސްދީގެން ހުންމަތަ ނުކުރެވުމަކީވެސް މިބަލީގެ ޢަލާމާތެކެވެ.

އެޓީމުން ބުނާގޮތުގައި މި ބައްޔާއި، ދާދިފަހުން ޖަޕާނުން ފެނުނު ގޮތްނޭންގޭ ބައްޔާ އެއްގޮތް ޢަލާމާތްތަކެއް އެބަހުއްޓެވެ. ޖަޕާނުން ފެނުނު ބައްޔަކީ ސިކުނޑީގައި އިންފްލެމޭޝަން އުފެދުމަށްފަހު މަރުވާ ބައްޔެއްކަމަށް އެޤައުމުގެ ޑޮކްޓަރުން ބުނެފައިވެއެވެ. ބިހާރުން ފެނުނު ބަލިޖެހެނީ ވައިރަސް އަކުން ކަން ނޫނީ ބެކްޓީރިޔާއަކުން ކަން ޑޮކްޓަރުންގެ ޓީމަށް އަދި ދެނެގަނެވިފައިނުވާ ކަމަށް އެޓީމުން ބުނެއެވެ. މިބަލީގެ ހަޤީޤަތް ނޭންގޭ މައްސަލަ އިންޑިޔާގެ މައިސަރުކާރުގެ ސިއްޙަތާބެހޭ ވުޒާރާއިންވެސް މިހާރު ގެންދަނީ ބަލަމުންނެވެ.

ބިހާރުގެ އަރުޖުން ޕްރަސާދު ސަރަޙައްދުން 2010 ވަނަ އަހަރުވެސް ގޮތްނޭންގޭ ބައްޔެއް ފެނި އެބަލިގައި 24 ކުއްޖަކު މަރުވެފައިވެއެވެ. އެބަލީގެ ޙަޤީޤަތްވެސް އިންޑިޔާގެ ޑޮކްޓަރުންނަށް އަދި ހޯދިފައެއް ނުވެއެވެ. -- ޖާމަން ނޫސްއެޖެންސީ