01 Mar 2017, 14:49
"މަސްލަހަތު ނެތް އަނބިންނޭ" މި ލަވައިން ޑައިރެކްޓަރެއްގެ ދަތުރު ފެށި އަމްޖަދު އިބްރާހިމް (އަމްޖޭ) އަކީ މިހާރު ރާއްޖޭގައި ތިބި ކުޅަދާނަ ޑައިރެކްޓަރުންގެ ތެރެއިން ނަންކިޔާ އެއް ޑައިރެކްޓަރެވެ. ކާމިޔާބު ފިލްމުތަކަކަށް ފަހު މިފަހަރު އަމްޖޭ މިދައްކަނީ "ދޭތީ އަނިޔާ" އެއްގެ ވާހަކައެވެ.
ހާމިދު އަލީ ޕްރޮޑިއުސްކޮށް، މިދިޔަ އަހަރުގެ މޭމަހު މަސައްކަތް ފަށާފައިވާ "ދޭތީ އަނިޔާ"ގެ މަސައްކަތް އަވަސް ކޮށްގެން ނިންމަން ބޭނުންނުވާކަމަށް ޑައިރެކްޓަރު އަމްޖޭ ބުންޏެވެ. އޭނާ ބޭނުންވަނީ ތަފާތު މޮޅު ފިލްމެއް ބެލުންތެރިނަށް ގެެނެސްދޭށެވެ.
'ސަން' އަށް ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނީ، ފިލްމު އަޅުވާނެ ތާރީޚެއް ކަނޑައަޅާނީ ފިލްމުގެ ހުރިހާ މަަސައްކަތެއް ނިންމުމަށް ފަހުގައި ކަމަށެވެ.
އެ ފިލްމުގެ ޝޫޓިންގެ 90 ޕަސަންޓް ހުޅުމާލޭގައި ނަގައި ނިމިފައިވާއިރު ބާކީ ހުރި ބައިތައް ނެގުމަށް ހަމަޖެހިފައިވަނީ ރާއްޖޭން ބޭރުގައެވެ. އެ ބައިތައް ޝޫޓް ކުރުމަށް ރޯދައިގެ ފަހުން ފިލްމުގެ ކުރޫ ފުރާނެއެވެ.
"ބޭނުމެއް ނޫން އަވަސް އަރުވާލާފަ ފިލްމު ނިންމާކަށް. ބޭނުމީ ދިވެހިންނަށް ކަމުދާ ގޮތަށް ފިލްމެއް ގެނެސްދޭން. އެހެންވެ މި ފިލްމު ވެގެންދާނީ ވަރަށް ކަމުދާ، މޮޅު ފިލްމަކަށް،" މިދިޔަ އަހަރުގައި ބޭއްވި ފިލްމު އެވޯޑް ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހޯދި އަމްޖޭ ބުންޏެވެ.
ފަސް ލަވަ ހިމެނޭ "ދޭތީ އަނިޔާ" އިން މިހާތަނަށް ދިވެހި ފިލްމުތަކުން ނުފެންނަ އެތައް މަންޒަރުތަކެއް ފެންނާނެ އެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން----
"ހުރަސް"، "އުދަބާނީ" ފަދަ މޮޅު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ އަމްޖޭ ބުނީ، "ދޭތީ އަނިޔާ" އަކީ ވަރަށް ބުރަ، އެހާމެ އުނދަގޫ މަަސައްކަތްތަކެއް ކުރަންޖެހޭ ފިލްމެއް ކަމަށެވެ. އެހެން ކަމުން ވަރަށް ހަމަޖެހިގެން ފިލްމު ނިންމައި ދިވެހިންނަށް ކަމުދާނެ ފަދަ ގޮތަކަށް ފިލްމު ގެނެސްދަނެ ކަމަށްވެސް އޭނާ ބުންޏެވެ.
އަމްޖޭ ބުނީ، މި ފިލްމުގެ ޝޫޓިން ދިގުލައިގެން ދަނީ ފިލްމުގައި އުޅޭ ބައެއް ތަރިން އެހެން ފިލްމުތަކުގައި މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އެއީ މައްސަލަ އެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ތަރިން އެހެން މަސައްކަތްތަކަށް ދިޔުން އެއީ އެއްވެސް މައްސަލަ އެއް ނޫން. ދިގުލައިގެން ދިޔަސް ފިލްމު ނިމޭ އިރު ވާނީ މޮޅު ކޮލިޓީ ފިލްމަކަށް. ވަރަށް ހަމަޖެހިގެން ނިންމާނީވެސް. ހުރިހާ ތަރިންވެސް ވަރަށް އެއްބާރުލުންދޭ އެކަހަލަ އެއްޗެއް ގެނެސްދޭން،" އަމްޖޭގެ 51 ވަނަ ޑައިރެކްޝަނާ ބެހޭ ގޮތުން ބުންޏެވެ.
ފިލްމުގެ ލީޑު ރޯލުން ފެންނާނީ، މިހާރު އިންޑަސްޓްރީ ގައި ތިބި ބަތަލާއިންގެ ތެރޭގައި އެންމެ ރީތި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އައިމިނަތު ރިޝްފާ އާއި އަހުމަދު އީސަ (އާނަންދު) އަދި ހާމިދެވެ.
މިތަރިންނާއެކު ދެން ފެންނާނީ، ފައުޒިއްޔާ ހަސަން، މަރިޔަމް ޝަކީލާ، ހުސައިން ޝިބާހް، ހަސަން މަނިކު (ރޯނު) ފަދަ ތަރިންގެ މޮޅު އެކްޓިންނެވެ.