ޖަކާޓާ (މާޗް 1): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާ ދެވަނަ ގައުމުކަމަށްވާ އިންޑޮނޭޝިއާ އަށް މިއަދު ވަޑައިގެންފި އެވެ.

ސައުދީ ރަސްގެފާނަށް އިންޑޮނޭޝިއާގެ އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ.

ފާއިތުވި 47 އަހަރު ތެރޭގައި ސައުދީ ރަސްގެފާނަކު އިންޑޮނޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސަލްމާން ރަސްގެފާނު އެގައުމުގައި ނުވަ ދުވަސް ހޭދަ ކުރައްވާނެ އެވެ. އޭގެ ތެރެއިން ހަ ދުވަސް ހޭދަ ކުރައްވާނީ ބާލީގައި ޗުއްޓީ ހޭދަކުރައްވާށެވެ.

މެލޭޝިއާގެ މީޑިއާތަކުގައިވާ ގޮތުން އެދަތުރުފުޅުގައި ގާތްގަނޑަކަށް 1500 އޮފިޝަލުން ބައިވެރިވާ އިރު 506 ޓަނުގެ މުދާ އިންޑޮނޭޝިއާއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި ދެ ކާރާއި ފްލައިޓުން ފައިބަން ބޭނުން ކުރާ ދެ އެސްކެލޭޓަރު ހިމެނޭ ކަމަށް އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނެ އެވެ.

ސަލްމާން ރަސްގެފާނު އިންޑޮނޭޝިއާއަށް ވަޑައިގެން ފްލައިޓުން ފައިބައިވަޑައިގަންނަވަނީ -- ފޮޓޯ: ސައުދީ ގެޒެޓް

ސަލްމާން ރަސްގެފާނުގެ މުދާ އިންޑޮނޭޝިއާއަށް ގެނައުމާ ހަވާލުވެފައިވާ ފާމުން ބުނި ގޮތުގައި އެ މުދާ އިންޑޮނޭޝިއާއަށް ގެންދަން 36 ފްލައިޓް ބޭނުންވާނެ އެވެ.

އިންޑޮނޭޝިއާގެ ކެބިނެޓް ސެކްރެޓަރީ ޕްރަމޮނޯ އާނަންގް ވަނީ ރަސްގެފާނުގެ އެދަތުރުފުޅުގެ ސަބަބުން އިންޑޮނޭޝިއާއަށް 25 ބިލިއަން ޑޮލަރުގެ ސައުދީ އިންވެސްޓްމެންޓުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މެލޭޝިއާ އަށް ވަޑައިގަތުމަށް އިންޑޮނޭޝިއާއަށް ވަޑައިގަތް ސަލްމާން ރަސްގެފާނު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ޗައިނާ، އަދި ދިވެހިރާއްޖެ ހިމެނެ އެވެ. (ބީބީސީ)