30 Jun 2011, 09:13
ބެންޣާޒީ: ވެރިކަމުން ދުރުކުރުމުގެ އަހްލީ ހަނގުރާމައެއް ކުރިމަތިވެ ވަޑައިގެންފައިވާ ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ހައްޔަރު ކުރުމަށްޓަކައި ކޮމާންޑޯޒްގެ ޚާއްސަ ޔުނިޓެއް އެކުލަވާލާނެކަން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލިހުން ހާމަކޮށްފިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރަމުންގެންދާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު އިބްރާހީމް އަލްޢުލާޤީ ވިދާޅުވީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ ގައްޒާފީ ހައްޔަރު ކުރުމުގެ އަމުރު ތަންފީޒުކުރާނީ އެމަޖިލީހުން ކަމުގައެވެ.
ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިނގުމުގެ ތުހުމަތުގައި ގައްޒާފީގެ އިތުރުން އޭނާގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ލީބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ އައްސުނޫސީ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން މިހަފްތާގެ ކުރީކޮޅުވަނީ ނެރެފައެވެ.
ނަމަވެސް ގައްޒާފީ ހައްޔަރުކޮށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުކޮށްދިނުމަށް ނޭޓޯގެ ކިބައިން ނޭދޭނެ ކަމަށް އެކޯޓުގެ ޕްރޮސެކިއުޓަރ ލުއިސް މޮރިނޯ އޮކަމްބޯ ވަނީ ވިދާޅުވެފައެވެ.
ގައްޒާފީ ހައްޔަރު ކުރާނީ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ހަނގުރާމަވެރިން ކަމަށާ އޭނާ ހައްޔަރުކުރާނެ ކަމުގެ ޔަގީންކަން އިންތިޤާލީ މަޖިލީހުން ދީފައިވާ ކަމަށް އޮކަމްބޯ ވަަނީ ވިދާޅުވެފައެވެ.
ލީބިޔާގެ ހަނގުރާމަވެރިން ގައްޒާފީ ހައްޔަރު ކުރުމަށްފަހު އޭނާގެެ މައްޗަށް ޝަރީޢަތް ހިންގާނީ ލީބިޔާގެ ކޯޓުތަކުގައިކަން ނުވަތަ ބައިނަލްއަޤްވާމީ ޖިނާއީ ޖިނާއީ ކޯޓާ އޭނާ ޙަވާލުކުރާނެކަން އޮކަމްބޯވެސް އަދި ލީބިޔާގެ އިންތިޤާލީ މަޖިލީހުންވެސް ހާމަކޮށްފައެއް ނުވެއެވެ. -- އަލްޖަޒީރާ