ސިނގިރެޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުވާގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. އިގްތިސާދީ ކޮމިޓީން ނިންމާފައިވާ ނިންމުން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާގޮތަށް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އިސްލާހަށް ތާއީދުކޮށް 52 މެމްބަރުން ވޯޓު ދީފައިވާއިރު، ދެކޮޅަށް ވޯޓު ދިނީ ހަތަރު މެމްބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ތިން މެމްބަރުން ތިއްބެވެ.

އެ އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސް އަބްދުﷲ ޔާމީން ގާނޫނަސް ގެނައި ބަދަލު ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއުކުރުމުންނެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑު ކުރާށެވެ. އަދި ގަނޑުކޮށް ދުންފަތަށް ނަގާ ޑިއުޓީ 25 ޕަސެންޓަށް ބޮޑުކުރަންވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ސިނގިރެޓް ފޮއްޓެއްގެ އަގު 80 ރުފިޔާއަށް އުފުލިގެންދާނެ އެވެ. މިހާރު ސިނގިރެޓް ފޮއްޓެއް އުޅެނީ 50 ރުފިޔާއަށެވެ.

ކޮމިޓީއަށް އިސްލާހު ހުށަހެޅި އިރު އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ލިޓަރަކަށް 4.64 ރުފިޔާ ބޮޑުކުރާން ނިންމާފައިވީ ނަމަވެސް އިގްތިސާދީ ކޮމިޓީން ވަނީ އެޔަށް ބަދަލުގެނެސްފައެވެ. އެގޮތުން އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ލިޓަރަކަށް 33.60 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރާއްޖެއަށް އާންމުކޮށް އެތެރެ ކުރާ އެނާޖީ ޑްރިންކް ދަޅުތައް އާންމުކޮށް ހުންނަނީ 250 މިލިލިޓަރުގައެވެ. ގާނޫނަށް މިގެނައި ބަދަލާއެކު ދަޅަކުން 8.41 ރުފިޔާ ބޮޑުވެގެންދާނެ އެވެ. އެގޮތުން 20 ރުފިޔާއަށް މިހާރު ލިބޭ ރެޑްބުލް ދަޅެއްގެ އަގު 28 ރުފިޔާއަށް އުފިލިގެންދާއިރު، 15 ރުފިޔާއަށް މިހާރު ލިބޭ އެކްސްއެލް ދަޅެއްގެ އަގު 23 ރުފިޔާއަށް އުފުލޭނެ އެވެ.

ސިނގިރޭޓުން ނަގާ އިމްޕޯޓްޑިއުޓީ ބޮޑުކޮށްގެން 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރާއިރު އެނާޖީ ޑްރިންކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.