ދެހާސް އަށްވަނަ އަހަރު ސިިއްހީ ނިޒާމަށް ދިމާވި ގޮންޖެހުންތައް ދަމަނަވެއްޓަށް ދިމާވި ނަމަވެސް މިއަދު އެތަނުން ދެމުންދާ ހިދުމަތް ފުޅާވެ، އިތުރު ހިދުމަތްތަކެއް ލިބެމުންދާ ކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދަމަނަ ވެށީގެ "ފަހި ހިދުމަތް" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ދަމަނަ ވެށީގެ ހިދުމަތް ފުޅާވެ އިތުރު ހިދުމަތްތައް ފޯރިކޮށްދެވިގެން ދިޔުން އެއީ އުފާކުރާ ކަމެއް ކަމަށެވެ.

"މިސާލަކަށް ދުވަސްވީ މީހުންނަށް ހިދުމަތްދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރުމާ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް މިތަނުން ލިބުމާ، އަދި ފުރާވަރުގެ ކުދިންނަށް ބޭނުންވާ ކައުންސިލިންއާ، ވެކްސިންދިނުމުގެ ފަސޭހަ އިތުރު ނިޒާމުތަކެއް މިތާ ގާއިމުވެ ކުރިޔަށް ދާކަން އެއީ މިތަން ފުޅާވެ ކުރިޔަށްދާ ކަމުގެ ރަމްޒެއް،" ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން ދަމަނަ ވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ އިމާރާތުގެ ދަތިކަން ކަން ފާހަގަކޮށް އެކަމަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ހޯދައިދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ދަމަނަ ވެށީގައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ދެއްވަނީ---

ދަމަނަ ވެށީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް، މިހާރަށް ވުރެ ހަލުވިމިނުގައި މަސައްކަތްތައް ކުރުމަށް ހުރިހާ މުވައްޒަފުންނަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

"ފަހި ހިދުމަތް" މި ނަމުގައި ޕްރޮގްރާމެއް ތައާރަފް ކުރުމުގެ ބޭނުމަކީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމާއި އެކުު ގިނަ ބަޔަކު ހިދުމަތްތައް ހޯދަމުންދާތީ، ވަކިވަކި ހިދުމަތްތަކާމެދު އެ ހިދުމަތް ހޯދާ ފަރާތުން ދެކޭ ގޮތް ދުވަހުން ދުވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސައި، ލިބޭ ނަތީޖާތައް ދުވަހުން ދުވަހަށް އިވެލުއޭޓްކޮށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދަމަނަ ވެށީގެ އަސާސް ތަކުގައި އަށަގެންނެވުމެވެ.

މިއަދު ބޭއްވި އެ ރަސްމިއްޔާތުގައ، ދަމަނަ ވެށިން ކުރިޔަށް ގެންދިޔަ ދެ ޓްރެއިނިންގް އެއް ފުރިހަމަ ކުރި މުވައްޒަފުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.