ވޮޝިންޓަން(މާޗް 1): އެމެރިކާއަށްދާ ހިޖުރަވެރިން ކުރާ ކުށްތައް ކޮންމެ ހަފްތާއަކު އެއް ފަހަރު އާއްމު ކުރާ އާ އޭޖެންސީއެއް އުފައްދަވާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކޮންގްރެސްގައި ދެއްވި ފުރަތަމަ ތަގުރީރުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ "ހިޖުރަވެރީންގެ ހަމަލާތަކުގެ ޝިކާރައަކަށްވި އެމެރިކާގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް" އާ އޭޖެންސީއެއް ހެދުމަށް ޑިޕާޓްމެންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް އަމުރުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ވިކްޓިމްސް އޮފް އިމިގްރޭޝަން ކްރައިމް އެންގޭޖެމެންޓް (ވޮއިސް)ގެ ނަން ދީފައިވާ އެއޭޖެންސީގެ މަގުސަދަކީ އެމެރިކާގެ މީޑިއާއިން ސަމާލުކަން ނުދޭ ފަރާތްތަކުގެ އަޑު އިއްވުމެވެ.

އަދި ޓްރަމްޕްގެ ތަގުރީރުގައި އޭނާ ވަނީ އެމެރިކާއަށް ގަވާއިދާ ހިލާފަށް ދިޔަ ބަޔަކު ދިން ހަމަލާތަކުގެ ޝިކާރައަކަށްވި އެމެރިކާގެ ބައެއް ރައްޔިތުންގެ ނަން ފާހަގަކުރައްވައިފައެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ ގެސްޓުންގެ ގޮތުގައި ކޮންގްރެސްއަށް ގެންގޮސްފައިވެ އެވެ.

ޓްރަމްޕްގެ އާ އޭޖެންސީއާ، ކަނާތު ފިޔައިގެ ނޫހެއް ކަމަށްވާ ބްރެއިޓްބާޓް ނޫހުން ހެދި 'ކަޅު ނަސްލުގެ މީހުންގެ ކުށް' ކިޔާ ސެކްޝަނަކާ އެއްގޮތްކަންތައް އެބަހުރިކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ޓްރަމްޕްގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނަން ވަނީ މީގެ ކުރިން ބްރެއިޓްބާޓްގެ އެގްޒެކެޓިވް ޗެއާމަންގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. (އިންޑިޕެންޑެންޓް)