ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށް، ޑީޕޯޓު ކޮށްލުމަށް ނިންމާފައިވާ އެމެރިކާ މީހާ، ޖޯން ސޭފާޓްއާ ބައްދަލުކުރުމަށް ކޮލޮމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީގެ ޓީމެއް މިދިޔަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.

މިދިޔަ ޖެނުއަރީ 16 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ހިންގައި، 10 މީހަކު ބަލައި ފާސްކޮށްފައެވެ. އެގޮތުން، ސައްހަ ޑޮކިއުމެންޓޭޝަން ނެތް ހަތަރު މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި، ހުޅުމާލޭގައި ގެސްޓްހައުސްއަކަށް އިންވެސްޓްކުރި ޖޯން ސޭފާޓް ހިމެނެއެވެ.

ޖޯން ރާއްޖޭގައި އުޅެމުން ދިޔައީ ވިސާ ނެތި ކަމުން، އެރޭ އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އިމިގްރޭޝަނުން ނިންމާފައި ވަނީ ޖޯން ސޭފާޓް ޑީޕޯޓު ކޮށްލާށެވެ.

ޖެނުއަރީ 16 ގެ ރެއިން ފެށިގެން އިމިގްރޭޝަންގެ ބަންދުގައި ހުރި ޖޯން މިހާތަނަށް ޑީޕޯޓު ކޮށްލެވިފައި ނުވަނީ، އޭނާގެ ޕާސްޕޯޓު ގެއްލިފައި ވާތީއެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ޕާސްޕޯޓު ބަޔަކު މީހުން ވަގަށް ނެގީއެވެ. އަދި އެ މައްސަލަ ފުލުހުންނަށް ވެސް އޭނާ ހުށަހަޅާފައިވެއެވެ.

ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ޓީމެއް ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެ އައިސް، ޖޯން ރާއްޖެއިން ފުރުމަށްޓަކައި ޕާސްޕޯޓު ހެދުމުގެ ކަންކަން ފެށިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، ޖޯން އަދިވެސް ހުރީ އިމިގްރޭޝަންގެ ބަންދުގައެވެ. އޭނާ އަދިވެސް ފުރުވާލެވިފައި ނުވަނީ، ފުރުމަށްޓަކައި ބޭނުންވާ ބައެއް ޑޮކިއުމެންޓްތައް ނެތުމުން ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެ ޑޮކިއުމެންޓްތައް ހެދުމަށްޓަކައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ޓީމެއް މިދިޔަ ހަފްތާގައި ރާއްޖެ އައި ކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި މިހާރުވެސް އޭނާ ފޮނުވާލުމުގެ ކަންކަން ކުރިޔަށްދާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޖޯން ސޭފޯޓަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި، އަދި ދިވެހީންނާ ގާތް ގުޅުން ބާއްވަމުން އައި މީހެކެވެ. ފޭސްބުކް އާއި ޓްވިޓާގައި އޭނާ މައިގަނޑުގޮތެއްގައި ދައްކާ ވާހަކައަކީ، ގެސްޓްހައުސް ހުޅުވުމަށް އޭނާގެ އަތުން ފައިސާ ހޯދައި، އޭނާއަށް މަކަރުހަދައި ލަނޑު ދިން ވާހަކައެވެ.

އޭނާގެ ގާނޫނީ ވަކީލަކަށް މަސައްކަތް ކުރެއްވި ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެ ވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިޔަފާރީގެ މައްސަލަ ޖޯންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ޖޯންއާ އެއްކޮޅަށް ވަނީ ނިންމާފައެވެ. އެގޮތުން ޖޯންގެ ޕާޓްނަރު ވ. ފުލިދޫ، ޑޭޒީމާގޭ އަބްދުލްހަސީބް މުހައްމަދު 42،000 އެއްހާ ޑޮލަރު ޖޯންއަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

ނަމަވެސް އެ ފައިސާ މިހާތަނަށް ދީފައިނުވާ ކަމަށް ޖޯންގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލަ ނިންމި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.