ހިތުގެ ބަލީގެ ޚާއްސަ ޑރ. އަބްދުލް އަޒީޒް އަހުމަދަށް އޭނާގެ ތައުލީމާއި ތަޖުރިބާއާ އެކަށޭނަ މަތީ ފެންވަރުގެ މަގާމެއް ހަމަޖެއްސުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ޑރ. އަބްދުލް އަޒީޒު އަހުމަދު އައިޖީއެމްއެޗުގެ ސީނިއަރ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ހުންނަވަނިކޮށް ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ މަގާމަށް ބަދަލުކުރިއިރު، ދަށް ރޭންކެެއްގެ ވަޒީފާއެއް ހަމަޖެއްސި ކަމަށް ބުނެ އޭނާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ އެންމެ ފުރަތަމަ އޭނާ ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށެވެ. މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމީ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ މަގާމަށް ބަދަލުކުރިއިރު، ސިވިލް ސާވިސް ކޮމިޝަނުން ހަމަޖެއްސި މަގާމުގެ ރޭންކު ރަނގަޅު ކަމަށެވެ.

ނަމަވެސް ޓްރައިބިއުނަލްގެ ނިންމުން ބާތިލްކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ދައުވާގައިވާ ކަންކަން ސާބިތުކުރުމަށް ޑރ. އަބްދުލް އަޒީޒް އަހުމަދު ހުށަހަޅާފައިވާ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ބަލައިގެންފައިވާ އޭނާގެ ސެޓްފިކެޓްގެ ގިންތި ނަފީކުރެވޭވަރުގެ ހުއްޖަތްތަކެއް ސިވިލް ސާވިސް ކޮމިޝަނުން ޓްރައިބިއުނަލަށާއި ހައިކޯޓަށް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

ޑރ. އަބްދުލްއަޒީޒް އަހުމަދުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމުން، އޭނާ އަކީ މަތީ ރޭންކެއްގެ މަގާމެއް ހަމަޖެއްސުމުގެ ޝަރުތު ފުރިހަމަވެފައިވާ ބޭފުޅެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.