ސަފާރީތައް ބާއްވާނޭ އިތުރުތަނެއް ނުދައްކައި ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ބޮޑު ފީއެއް ނެގުމަށް އެޗްޑީސީން ނިންމާފައިވާ ނިންމުމާމެދު ކަންބޮޑުވާކަމަށް ސަފާރީތަކުގެ ޖަމިއްޔާ، ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ލިވްއަބޯޑް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ސަން އަށް ވިދާޅުވީ، ސަފާރީއަކުން ހުޅުމާލެ ފަޅު އެންމެ ގިނަ ވެގެންވެސް ބޭނުންކުރާނީ މަހަކު އަށް ދުވަހަށް ކަމަށްވާއިރު މަހުފީއެއްގެ ގޮތުގައި 20000 ރުފިޔާގެ ބޮޑު ފީއެއް ނެގުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

"ހުޅުމާލެ ފަޅަށް މިވަންނަނީ ސަޕްލައި އަރުވަން، އެންމެ ގިނަވެގެން ތިން ދުވަސްވަރު އޮންނާނީ، ދެން ސަފާރީތަކުން މިދަނީ 14 ދުވަހުގެ ދަތުރަަކަށް، އޭގެ މާނައަކީ އެންމެ ގިނަވެގެން މަހަކު އޮންނާނީ ދެތިން ދުވަހުއޭ،" އިގްނާޒް ވިދާޅުވިއެވެ.

ސަފާރީ ތަކުގެ ވެރިންނާއި ލިވްއަބޯޑުން ބައްދަލުކުރުން---ސަން ފޮޓޯ/ ލިވްއަބޯޑް

އޭނާ ވިދާޅުވީ، ފީއެއް ނެގުން ރަނގަޅު ކަމަށާއި ނަމަވެސް އެ ފީ ވާންޖެހޭނީ ކޮންމެ މަހަކު އެއް ފަހަރު ދައްކަންޖެހޭ އެއްޗަކަށްވުރެ ވަންނަ ކޮންމެ ފަހަރަކު ދައްކާ ކަހަލަ ފީއަކަށް ކަމަށެވެ. ނޫނީ އަހަރަކަށް ބަހާލައިގެން ނަގާ އެކަށޭނަ ފީއަކަށް ކަމަށެވެ.

އެޗްޑީސީން އެ ގަވައިދު ހަދައި މިއަދު ތަންފީޒް ކުރަން ފަށާފައިވާއިރު އެކަމަށް ސަފާރީތަކަށް ލިބުނީ ދެ ދުވަސް ކަމަށާއި އެއީ އެފަދަ ކަމަކަށް ތައްޔާރުވެވޭނެ މުއްދަތު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަފާރީތަކުގެ ވިޔަފާރި ވެރިންގެ ކަންބޮޑުވުމާއި ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިމަހުން ފެށިގެން ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތައް ވަނީ ދެ ގިންތިއަކަށް މިންކޮށްފައެވެ. އަދި ދެ ގިންތީގެ އުޅަނދުތައް އަޅާފައި ބޭއްވުމަށް ހުޅުމާލޭ ބަނދަރުން ދެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

ފުރަތަމަ ގިންތީގައި ހިމެނެނީ ޔޮޓުފަހަރާއި ސަފާރީއާއި ޑައިވިންގް އަދި އެކްސްކާޝަން އުޅަނދުތައް ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. ހުޅުލެއާ ދިމާލުން އޮންނަ ފުރަތަމަ ޒޯނުގައި އަޅާ މިފަދަ އުޅަނދުތަކުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެއެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދު، ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ނުވަތަ ތިންފަހަރަށް ވުރެ ގިނައިން ގަވައިދާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ހުޅުމާލޭ ބަނދަރު ބޭނުންކުރުން މަނާކުރެވޭނޭ ކަމަށެވެ.