01 Mar 2017, 11:05
ވޯކް ވިސާ ލިބިފައި ތިބި ބިދޭސީންނަށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް، ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމު މިއަދު ހަމަޖެހިއްޖެއެވެ.
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ބައިނަލްއަގުވާމީ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސްރީލަންކަން އެއާލައިންސްއިން ފެށި އެ ދަތުރުތަކަކީ، އައްޑޫ މެދުވެރިކޮށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
އެހެން ނަމަވެސް ދަތުރުތައް ފެށި އިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރެވެނީ ހަމައެކަނި ދިވެހީންނަށާއި، ފަތުރުވެރިންނަށް އެކަންޏެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އެ އެއާޕޯޓުން ދަތުރެއް ނުކުރެވެއެވެ.
އެކަމާ ގުޅިގެން، ރާއްޖޭގެ ދެކުނުގައި މަސައްކަތް ކުރާ ބިދޭސީންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި އޮތުމާ އެކު، އެމީހުން ރާއްޖެއިން ބޭރަށް ފުރުމަށް ޖެހެނީ މާލެއަށް ދަތުރުކުރާށެވެ.
މި މައްސަލައިގައި، އައްޑުއަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްއިން އައްޑޫއަށް ކުރަމުން ދިޔަ ދަތުރުތައް، މައްސަލަ ހައްލު ކުރެވެންދެން މެދުކަނޑާލުމާ މެދު ވެސް ވިސްނަމުން ދިޔަކަން "ސަން" އަށް އެނގިފައިވެއެވެ.
އެހެން ނަމަވެސް، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި، ވޯކް ވިސާ އޮންނަ ބިދޭސީންނަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
"ވޯކް ވިސާ އޮތް ބިދޭސީންނަށް މިއަދުން ފެށިގެން ގަން އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ގޮސް އައިސް އުޅެވޭނެ،" މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ، ވޯކް ވިސާ އޮތް މީހުންނަށް ގަން އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރޭ އިންތިޒާމު ހަމަޖެހުނު ނަމަވެސް، އަލަށް ވޯކް ވިސާއަށް އެދިގެން ރާއްޖެ އަންނަ މީހުން ރާއްޖެއަށް އެތެރެވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަނި ކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް، ވޯކް ވިސާ އޮތް ބިދޭސީން ރާއްޖެއަށް އެތެރެވުމާއި ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަޖެހުމާ އެކު، ދެކުނުގެ އަތޮޅުތަކުގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ ގައުމަށް ގޮސް އަނބުރައި ރާއްޖެ އައުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.