01 Mar 2017, 11:47
ޕީއެސްއެއެމްގެ ބައެއް ތަންތަނުގެ އިންޓީރިއާ މަސައްކަތް ކޮށްދިނުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކުންފުންޏަކާ ހަވާލުކުރި ކަމުގެ ތުހުމަތުގައި ޕީއެސްއެމްގެ ބިޑް ކޮމެޓީގެ ތިން މީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަަ އެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންނަކީ ހއ. ފިއްލަދޫ ދޫރެސް މުހައްމަދު ހާމިދު އާއި މއ. ވެނީލާގޭ މުހައްމަދު ނަޒީރުގެ އިތުރުން ހދ. މާވައިދޫ ރިދަމް އަހުމަދު ހަނީފެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ޕީއެސްއެއެމްގެ ބައެއް ތަންތަނުގެ އިންޓީރިއާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ކުރި އިއުލަނާ ގުޅިގެން ކުރިމަތިލި ކުންފުނިތަކަށް ގަވާއިދާ ޚިލާފަށް ޕޮއިންޓްދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. އެގޮތަށް ޕޮއިންޓު ދިނުމަށްފަހު ޝަރުތު ހަމަނުވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އަށް ފޮނުވި މައްސަލާގައި ވެއެވެ.