ސަރުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ވެގެންދިޔައީ މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ވަރަށް ހާއްސަ ދަތުރުފުޅަކަށެވެ. ދަތުރުފުޅުގައި ސައުދީ ސަރުކާރުން މެލޭޝިއާއަށް ވެދިން އެހީތެރިކަމުގެ އިތުރުން މި ދެބޭފުޅުންގެ ގުޅުންވެސް ވަނީ ބަދަހިވެފައެވެ.

އެކަން ހާމަވެގެންދަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގާއެކު ސައުދީ ރަސްގެފާނު ނަންގަވާފައިވާ ސެލްފީއިންނެވެ. ނަޖީބު ރައްޒާގުގެ ހުށަހެޅުއްވުމަކަށް ސަލްމާން ރަސްގެފާނު ނެންގެވި އެ ސެލްފީން ގިނަ ބަޔަކު ހައިރާންވި އެވެ. ނަޖީބު ރައްޒާގުގެ ޓްވިޓާ އެކައުންޓުން އެ ފޮޓޯ ޓްވީޓްކުރިތާ މިނެޓެއް ތެރޭގައި 15000 މީހުން ވަނީ އެ ޓްވީޓް ރިޓްވީޓް ކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އެއީ ކޮންމެ ކޮންމެ ގައުމެއްގެ ވެރިޔަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ސައުދީ ރަސްގެފާނާ އެކު އެކަނި ސެލްފީއެއް ނަގާލަން ފުރުސަތު ލިބޭނީ ވަރަށް ގާތް ބޭފުޅަކަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސައުދީ ރަސްގެފާނު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކީ ނަޖީބު ރައްޒާގަށް އުފާވެރިކަން ގެނެސްދިން ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ. އެމަނިކުފާނުގެޓްވިޓާއަދިފޭސްބުކް އެކައުންޓުންވެސް އެކަން ދަނީ ފެންނަމުންނެވެ. ލައިވް ސްޓްރީމާއި ފޮޓޯތަކުން މުޅި ފޭސްބުކް ޕޭޖްވަނީ ފުރާލާފައެވެ.

ސައުދީ ރަސްގެފާނާ އެކު މެލޭޝިއާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުނަށް ހާއްސަކޮށް އެބޭފުޅުން ބޭނުންވާނެ ގޮތަށް ކާނާ ތައްޔާރު ކުރުމަށް ނަޖީބު ރައްޒާގު އަންގަވާފައިވާ ކަމަށް މެލޭޝިއާގެ ނޫސްތަކުގައި ބުނެއެވެ. އަދި އެ ވަފުދު މެލޭޝިއާއަށް ވަޑައިގަތުމުގެ ކުރިން އެބޭފުޅުންނަށް ހާއްސަ ކޮޓަރިކޮޅު ތަކުގެ އޭސީގެ ފިނި ހޫނުމިން ސައުދި އަރަބިއާގެ ފިނިހޫނުމިނާ އެއްގޮތް ކުރުމަށް ބަދަލުތަކެއް ގެނައިކަމަށްވެސް ވެ އެވެ.

އެގޮތަށް އެކަން ކޮށްފައިވަނީ ސަލްމާން ރަސްގެފާނާއި އެކުގައި އައި ވަފުދަށް އެ އުޅުއްވަނީ ގައުމުގައި ނޫންކަން ހީފުޅުވިޔަ ނުދޭން ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ދަތުރުފުޅުގައި މެލޭޝިއާ ސަރުކާރުގެ، ތެލާ ބެހޭ ކުންފުނި ޕެޓްރޯލިއަމް ނެޝަނަލް (ޕެޓްރޯނަސް)އިން އަޅާ، ތެޔޮ ސާފުކުރާ ކާރުޚާނާ ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ހަތް ބިލިޔަން ޑޮލަރު އިންވެސްޓުކުރަން ވަނީ ނިންމާފައެވެ.

އޭޝިއާގެ ގައުމުތަކަށް ސައުދީ ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.