މާލޭގެ ތާރީޚީ ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވާތީވެ އެ ބިނާ ދޮވެ ސާފުކޮށް، ކުރަންޖެހޭ މަރަމާތުތަށް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ހުކުރު މިސްކިތުގެ މުންނާރު ދޮވެ ސާފުކޮށްދިނުމާއި އެތަނުގައި ހުރި ކުދިކުދި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހު 11:00 ގައި މައުލޫމާތު ސާފުކޮށް ބުދަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހެރިޓޭޖްގެ އިއުލާނުގައި ބުނެއެވެ.

މުންނާރު ދޮވެ ސާފުކުރާނެ ފަރާތެއް ހޯދުމަށް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އިއުލާންކޮށްފައެވެ. ނަމަވެސް އެ އިއުލާނަށް ހުށަހެޅި އަންދާސީ ހިސާބުގެ މައުލޫމާތު ފުރިހަމަނުވާތީ އެ އިއުލާނު ބާތިލްކޮށް އެ މަސަތްކަތް ކުރާނެ ފަރާތެއް ދެވަނަ ފަހަރަށް އިއުލާނުު ކުރީ ކަމަށް ހެރިޓޭޖުން ބުނެއެވެ.

ހުކުރު މިސްކިތުގެ ތެރޭގައި ހުރި މުއްނާރުގެ މެދު ވަރަށް ބޮޑަށް ހަޑިވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އަދި ފަތުރުވެރީންގެ ތެރޭގައި ވަރަށް މަގުބޫލް ބިނާއެއް ކަމަށްވާ މުންނާރު އެންމެ ފަހުން ދޮވެ ސާފުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފަސްމަސް ފަހުން އަނެއްކާވެސް މުންނާރު ދޮވެ ސާފުކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައިވާއިރު މިހާރު އެ ބިނާ ވަނީ ވަރަށް ބޮޑަށް ކުލަ ވެއްޓި ބާވެފައެވެ.

މީގެ ކުރިން މުންނާރު ބަލަހައްޓާފައިވަނީ އިސްލާމިކް މިނިސްޓްރީއިންނެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ދައަރުގައި އެތަން ވަނީ މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ މި ދައުރުން ފެށިގެން މުންނާރު ބަލަހައްޓަމުން ދަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައިވާ ހެރިޓޭޖުންނެވެ.

ކޮންމެ ފަހަރަކު ވެސް މުންނާރު ދޮވެ ސާފުކުރުމުގެ މަސަތްކަތް ފަށަނީ އެ ބިނާ ވަރަށް ބޮޑަށް ބާވުމުން ކަން ފާހަގަކުރެވެއެވެ.