ކޮމަންވެލްތުން ވަކިވުމަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ބައިނަލްއަގުވާމީ އެހީ ބަންދުވުން ނޫންކަމަށާއި، ކޮމަންވެލްތުން ވަކިވި އިރު އެ ޖަމިއްޔާއިން ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ދެމުން އައި އެހީތައް ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޗެނަލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓްގެ އެގްޒެކެޓިވް ކައުންސިލްގައި މީގެ ކުރިން ރާއްޖެ ތަމްސީލުކުރެއްވި މިނިސްޓަރު އިރްތިޝާމް ވިދާޅުވީ، ކޮމަންވެލްތުން ވަކިވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށާއި މި ނިންމުމަކީ ކޮންމެ ސަރުކާރަކަށްވެސް ފައިދާ ކުރާނެ ނިންމުމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮމަންވެލްތުން މީގެ ކުރިން ދެމުން އައި ތަމްރީނުގެ ފުރުޞަތުތައް އެޖަމިއްޔާއިން ވަކިވުމާ ހަމައަށް އައި އިރު ވަރަށް މަދުވެފައިވާކަމަށާއި ކުރިން ދެމުންއައި ދިގު މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް ދިވެހީންނަށް އެއްވެސް ގޮތަކަށް ނުލިބޭކަމަށެވެ. އަދި ފަހަކަށްއައިސް ކުޅިވަރުގެ ދާއިރާއިން ކޮމަންވެލްތުންލިބޭ ފުރުޞަތު ތަކަށް ވުރެ އެހެން ބައެއް ޖަމިއްޔާ ޖަމާއަތް ތަކުން ލިބޭ ފުރުޞަތު އިތުރުވެފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ފަހަކަށް އައިސް ކުޅިވަރުގެ ދާއިރާއިން ކޮމަންވެލްތުން ދެމުންއައި ފުރުޞަތު ތަކާ ނުބައްދަލު ފުރުޞަތުތަކެއް ބައިނަލްއަގުވާމީ އެހެން ޖަމިއްޔާ ޖަމާތްތަކުން ރާއްޖެއަށް ދިޔައީ ލިބެމުން. އެހެން ކަމުން ކޮމަންވެލްތާ އެކު ކުޅިވަރުގެ ދާއިރާއިން ކުރަމުން އައި ކަންތައްތައް އެހެން ދިމާއަކަށް ބަދަލުކޮށްލަން ފުރުޞަތު ލިބުނު،" މިނިސްޓަރު އިރްތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ހަރަދު ނުކުރާ ވަރަށް ކޮމަންވެލްތު ގޭމްސްއަށްށާއި އަދި އެހެނިހެން ބޮޑެތި ބައިނަލްއަޤުވާމީ މުބާރާތްތަކަށްވެސް މި ސަރުކާރުން ހަރަދުކޮށްފައިވާކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ 3 އަހަރުވީ ވެރިކަމުގައި ކުޅިވަރު ދާއިރާ ތަރައްގީ ވެފައިވާ މިންވަރާއި ކުރިއަށް އޮތް ތަނުގައި ކުޅިވަރު ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތް ތަކާއި ގުޅޭ ގޮތުން މިނިސްޓަރ އިރްތިޝާމް ވާހަފުޅުދެއްކެވިއެވެ. އެގޮގޮތުން، ލިބެން ހުރި ވަސީލަތްތަކާއި ކުރެވޭ ހަރަދަށް އަދި އަޅުގަންޑުމެންގެ ކިބައިގައި ޤާބިލިއްޔަތު ހުރި ވަރުން ކުޅިވަރު ކުރިއަރައި ދާ ތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ މުބަރާތްތަކުގައި ދިވެހީން ހޯދަމުންދާ ކާމިޔާބީ އަކީ ކުޅިވަރު ހަރުދަނާ ވަމުންދާ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

ކުޅިވަރުގެ ދާއިރާއިން ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ އިންފްރާ ސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން މިދިޔަ ތިން އަހަރު 50 ފުޓްސަލް ދަނޑު އަޅާފައިވާކަމަށާއި، މިހާރުވެސް 15 ފުޓްސަލް ދަނޑު ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 22 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް ދާއިރު 80 ބަށި ކޯޓާއި ،60 ވޮލީކޯޓް މިހާރުވެސް އަޅައި ނިންމާފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.