01 Mar 2017, 10:15
ވޮޝިންޓަން(މާޗް 1): އައިއެސް ޖަމާއަތް ވުޖޫދުން ފޮހެލައްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް އެޖަމާއަތަށް އިންޒާރު ދެއްވައިފިއެވެ.
އެމެރިކާގެ ކޮންގްރެސްގައި ދެއްވި ޚިތާބެއްގައި ޓްރަމްޕް ވަނީ ޓެރަރިޒަމާ އިސްލާމް ދީނާ އަދި މުސްލިމުންނާ ގުޅުއްވައި ވަރަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކަވާފައެވެ. މިމޭރުމުން ވާހަކަ ދައްކަވަނުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ވަރަށް ކެރިގެން އިސްލާމީ ޓެރަރިޒަމާ ކުރިމަތިލައި އިސްލާމީ ޓެރަރިޒަމް ވުޖޫދުން ފޮހެލެއްވާނެ ކަމުގައެވެ. އަދި މިކަން ކުރާނީ އިސްލާމީ ދުނިޔޭގައިތިބި އެމެރިކާގެ ބައިވެރިންގެ އެހީގައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިއީ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ގުޅިފައިވާ ޖަލްސާއެއްގައި ޓްރަމްޕް ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރުމަށް އޭނާ މަސައްކަތް ކުރައްވަނީ އައިއެސް ޖަމާއަތާއި އެނޫންވެސް މުސްލިމުން ބައިވެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ މީހުން އެމެރިކާގައި ފައިހަރުކޮށް ހާލިހެދުމުގެ ފުރްސަތު ނުދިނުމަށް ކަމަށާއި އެމެރިކާގެ އެތެރޭން ކިތަންމެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވިނަމަވެސް އެމެރިކާއަށް ނުރައްކާ ކަމަށް ބެލެވޭ އިސްލާމީ ގައުމުތަކުގެ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރާނެ ކަމުގައެވެ.
އެމެރިކާއަށް 7 ގައުމެއްގެ މުސްލިމުން ވަނުން މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު އެމެރިކާގެ ކޯޓުތަކުންވަނީ ބާތިލް ކޮށްފައެވެ.
ޓްރަމްޕަކީ އެމެރިކާގެ އެތެރޭގެ ކަންކަމަށް އިސްކަންދީ ބޭރުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމަތަކުން އެމެރިކާ ސަލާމަތްކޮށް ދޭނެ ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ކޭންޕޭން ކުރެއްވި ބޭފުޅެކެވެ. މިގޮތުން ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕް ވަނީ ބޭރުގައުމުތަކުގައި ބައިތިއްބާ އެމެރިކާ ސިފައިންވެސް އަނބުރައި ގައުމަށް ގެނަސް އެމެރިކާގެ އަސްކަރީ ބަޖެޓް ކުޑަކޮށް އެމެރިކާގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށާއި ބައުވެފައިވާ އެމެރިކާގެ އިންފްރާސްޓްރަކްޗަރ އައު ކުރުމަށާއި މަދަނީ ތަރައްގީގެ މަޝްރޫއުތަކަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު ޓްރަމްޕް މިހާރުވަނީ ކުރިއަށްވުރެ އެމެރިކާގެ އަސްކަރީ ބަޖެޓްވެސް 10 އިންސައްތަ ބޮޑުކުރުމަށް ނިންމަވާފައެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކަމަށްބުނެ އިސްލާމީ ގައުމުތަކަށް ބޮންއަޅައި އިސްލާމީ ބައެއް ގައުމުތަކަށް ދޭ ހަމަލާތައް އިތުރު ކުރުމަށް ނިންމަވާފައެވެ.
ޓްރަމްޕް އޭނާގެ މިސްރާބުން ކައްސާލައި ހަނގުރާމައާއި ތަޅާފޮޅުމާ ދިމާއަށް މިސްރާބު ޖަހާފައިވަނީ އެމެރިކާގައި ބާރުގަދަ ކުންފުނިތަކާއި ހަރުކަށި ނިއުކޮންޒަވެޓިވް ފިކުރުގެ މީހުންނާއި އެފަދަ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ އެމެރިކާގެ މުއައްސަސާ ތަކުގެ ސަބަބުން ކަމަށް މުރާސިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)