01 Mar 2017, 09:30
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރާނީ މުކަރްޖީ އަލުން ބޮލީވުޑަށް ނުކުންނަ އިރު އޭނާ އެންމެ ފުރަތަމަ ފެނިގެން ދާނީ ސިދާރްތު މަލޯތުރާ ކުރިއަށް އޮތް ފިލްމު 'ހިޗްކީ' އިން ކަމަށް ޚަބަރުތައް ބުނެފި އެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތައް ބުނާގޮތުން، ޔަޝް ރާޖް ފިލްމްސް ބެނާގެ ދަށުން މަނީޝް ޝަރްމާ ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަށް ރަނީ މިހާރު ވަނީ ސޮއިކޮށްފައެވެ. ރާނީ ވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ.
ރާނީ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ މިހާ ދުވަހު މަޑުކޮށްގެން ހުރީ ޝައުގުވެރިވާ ކަހަލަ ތަފާތު ސްކްރިޕްޓެއް ނުލިބޭތީ ކަމަށާއި، ނަމަވެސް ‘ހިޗްކީ’ އަކީ އޭނާ އުންމީދު ކޮށްގެން ހުރި ކަހަލަ ސްކްރިޕްޓެއް ކަމަށެވެ.
ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'މަރްދާނީ' އިންނެވެ. އެ ފިލްމަށް ފަހު ރާނީގެ އިތުރު ފިލްމެއް މިހާތަނަށް ނުކުމެފައި ނުވާއިރު، ރާނީ ކެމެރާގެ ކުރިމަތިން ގެއްލުނީ ކައިވެނިކުރުމަށް ފަހު، އަމިއްލަ ދިރިއުޅުމާއި ފުރަތަމަ ދަރިފުޅުގެ ކަންތައް ތަކުގައި ބިޒީވުމުންނެވެ.