01 Mar 2017, 09:19
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ފްލޮޕް ފިލްމަކަށް ވިޝާލް ބަރްދްވާޖްގެ ‘ރަންގޫން’ ވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު ‘ރަންގޫން’ އަކީ ކަންގަނާ ރަނައުތު، ޝާހިދު ކަޕޫރު އަދި ސައިފް އަލީ ޚާން ފަދަ ނަން މަޝްހޫރު ފަންނާނުންތަކެއް ހިމެނޭ ފިލްމެކެވެ. ނަމަވެސް ބެލުންތެރިންގެ ފަރާތުން ފިލްމަށް އެދެވޭ ތަރުހީބެއް ލިބެމުން ނުދެ އެވެ.
ފިލްމު ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައި ވަނީ 4.9 ކުރޯޑު ރުޕީޒް އެވެ. އަދި ތިން ދުވަހުން ފިލްމަށް ލިބިފައި ވަނީ އެންމެ 13.95 ކުރޯޑު ރުޕީޒް އެވެ. އެއާއެކު ‘ރަންގޫން’ ހިމެނިގެން ގޮސްފައި ވަނީ ‘ފިތޫރު’ އަދި ‘މިރްޒިޔާ’ ފަދަ ބޮޑެތި ފްލޮޕްތަކާ އެއް ލިސްޓެއްގައެވެ.
ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، ފިލްމު އުފެއްދުމަށް ޚަރަދުވި މިންވަރު ވެސް، ފިލްމަށް ނުލިބޭނެ އެވެ. އަދި 50 ކުރޯޑު ރުޕީޒްގެ ގެއްލުމެއް ލިބޭނެ އެވެ.
ފިލްމުގައި ކަންގަނާ، ޝާހިދު އަދި ސައިފް ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަ ނަމަވެސް، ވާހަައިގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި، ޑައިލޮގް ތަކުގައި ވެސް ބާރެއް ނެތް ކަމަށް ބުނެ ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.