ދިވެހި ކުޅަދާނަ ފަންނުވެރިއަކު އޭނާގެ އަންހެނުންނަށް ފަސޭހަ ކޮށްދިނުމަށް އަނެއްކާވެސް އާ އާލާތެއް އުފައްދައިފިއެވެ. މިފަހަރު އުފައްދާފައިވަނީ ކަރަންޓުން ހުނިގާނާ މެޝިނެކެވެ. އެ މެޝިން އުފައްދާފައިވަނީ ތ. ވޭމަންޑޫ، ހިމާޔަތް، އަބްދުލް ލަތީފް އިބްރާހިމް،58، އެވެ.

އަބްދުލް ލަތީފްގެ އަށް ދަރިންނާއި ދަނބިދަރިންނާއެކު އެ ގޭގައި 14 މީހުން އުޅޭއިރު ގިނަ އަދަދަކަށް ކައްކަންޖެހެއެވެ. ކެއްކުމުގައި އޭނާގެ އަންހެނުންނަށް އެންމެ ބުރަކަމަކަށް ވެފައިވަނީ ހުނި ގޭނުމެވެ. އެއީ އަންހެނުންގެ މައިބަދައިގެ މައްސަލައެއް ވެސް ހުންނާތީއެވެ.

"މިގޭގަ ދުވާލަކަށް އެބަޖެހޭ 10 ކާށި ހުނި ގާނަން. ހުނިގޮނޑިން ގާނަންޖެހޭތީ އަންހެނުންނަށް ވަރަށް އުނދަގޫ. އަންހެނުންނަކީ މައިބަދައިގެ މައްސަލަ ހުންނަ މީހެއްވީމަ،" މެޝިން ހަދަން މަޖުބޫރުވިގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

އަބްދުލް ލަތީފް ވަނީ މިދިޔަ އަހަރު ފަހުކޮޅު އެކަމަށް ހައްލެއްގެނެސްފައެވެ. އޭނާ ހެދިގޮތަކީ، އެރަށުގައި ހުންނަ ކޮޅުމަޑުލު އަތޮޅު އޮފީހުން ނީލަންކީ އޭސީއެއްގެ އައުޓްޑޯ ގަތީއެވެ. އެއަށްފަހު އޭތި ކާށިގާނާ ދައްޗަކަށް ބަދަލުކުރީއެވެ.

"އައުޓްޑޯގެ ފަންކާ ނައްޓާލާފައި މޯޓަރެއް ގުޅީ، އޭގެ ކޮޅަށް ހުނިގާނާ ދަތީގެ ކޮޅު ޖެހީ، ދެން މޯޓަރުގެ ދެކޮޅު ޓޮޕަށް ގުޅީ، ދެން ކަރަންޓަށް ޖަހާލާއިރަށް އެނބުރޭނެ،" އަބްދުލް ލަތީފް ބުންޏެވެ.

އެގޭގައި މިހާރު ހުނި ގާނަނީ އެމެޝިން ބޭނުންކޮށްގެންނެވެ. އަންހެނުންގެ ކަނދުރާގެ ރިއްސުމަށް މިހާރު މިވަނީ ލުޔެއް ލިބިފައެވެ.

"މާ ޕްރެޝަރުގައެއް ނޭނބުރޭ. އަތަށް ރަނގަޅު ވަރަކަށް އެނބުރެނީ. އެހެންވެ މިހާރު ހުނިގާނަން ވަރަށް ފަސޭހަ،" އަބްދުލް ލަތީފް ބުންޏެވެ.

ފުރަތަމަ ވީ ފެއިލް

އަންހެނުންނަށް ދިމާވެފައިވާ ދަތި ހާލުން ސަލާމަތް ކުރުމަށް ލޯބިވާ ފިރިމީހާ ފުރަތަމަ ކުރި މަސައްކަތްވީ ފެއިލްއެވެ. އޭނާ ފުރަތަމަ އެފަދަ މެޝިނެއް ހެދީ ފެން މޯޓަރެއް ބޭނުންކޮށްގެންނެވެ. އެ ތަޖުރިބާ ރަނގަޅެއްނުވިއެވެ.

"ފެން މޯޓަރު ވަރަށް ބާރަށް އެނބުރޭ. އަތަށް ގެއްލުންވާވަރަށް އެނބުރޭ. އެހެންވެ އޭގެން ނުވި،" އޭނާގެ ހިތި ތަޖުރިބާ ކިޔައިދެމުން ބުންޏެވެ.

މީގެ ކުރިން ދ. ކުޑަހުވަދޫ މީހަކުވެސް ވަނީ އޭނާ އަންހެނުންނަށް ފަސޭހަ ކޮށްދިނުމަށް ބަނބުކެޔޮ ފަޅާ މެޝިނަކާއި ބަނބުކެޔޮ ކޮށާ މެޝިނެއް އުފައްދާފައެވެ.

ކޮންމެއަކަސް އަބްދުއްލަތީފުމެން ގޭގައި ހުނިގޭނުމަށް މިހާރު ބޭނުން ކުރަނީ އެމެޝިނެވެ. އަންހެނުން ވަރަށްވެސް އުފަލުގައެވެ. ދެން އޭނާ ބޭނުންވަނީ އޭނާގެ އަންހެނުންނަށް އެ ލިބޭ ފަސޭހަ އެހެން މީހުންނަށްވެސް ހޯދައިދިނުމެވެ. އޭނާ ކައިރީ އެދޭ މީހުންނަށް އެފަދަ މެޝިން ހަދައިދޭން އޭނާ ވަނީ ނިންމައިފައެވެ.