01 Mar 2017, 09:36
ކުއަލަލަމްޕޫރު(މާޗް 1): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލައިގައި މެލޭޝިއާއިން ދެ އަންހެނެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފި އެވެ.
އެމައްސަލައިގައި އެ ދެ އަންހެނުން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް ކުރާނެ އެވެ.
ވިއެޓްނާމްގެ ދޮއާން ތީ ހުއޮންގް އާއި އިންޑޮނޭޝިއާގެ ސިތީ އައިސްޔާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މިމަހުގެ 13 ވަނަ ދުވަހު ކިމް ޖޮންގް ނަމް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި، އޭނާގެ މޫނުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ވީއެކްސް ނާވް އޭޖެންޓް ހޭކުން ހިމެނެ އެވެ.
އެ ދެ އަންހެނުންނަކީ ކިމްގެ މަރާ ގުޅުން ހުރި ކަމަށް މެލޭޝިއާއިން ތުހުމަތުކޮށްފައިވާ 10 މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންނެވެ. އެ މައްސަލާގައި މެލޭޝިއާ ފުލުހުން ހައްޔަރު ކުރި އުތުރު ކޮރެއާގެ މީހާގެ މައްޗަށް ދައުވާ ކުރުމާ ބެހޭ ގޮތުން ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ ވިދާޅުވި އެވެ.
އެމައްސަލާގައި ދެން ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އާއި އުތުރު ކޮރެއާގެ ގައުމީ އެއާލައިންގެ މުވައްޒަފަކު ހިމެނެ އެވެ. އަދި ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ މެލޭޝިއާ ދޫކޮށް ގޮސްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ކިމް ޖޮންގް އުންގެ އަމުރަށެވެ. އަދި އެކަމުގައި އުތުރު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ބައިވެރިވެފައިވެ އެވެ. (ބީބީސީ)