ފްރާންސްގެ ރައީސް ފުރާންސުވާ ހޮލާންޑް ތަގުރީރު ކުރައްވަމުން ގެންދެވި ޖަލްސާއެއްގެ ތެރޭގައި ހުރި ފުލުސް ސްނައިޕަރަކަށް އޮޅިގެން، އެތަނުގައި ތިބި ދެމީހެއް ގަޔަށް ބަޑިޖެހިއްޖެއެވެ.

ރައީސް ހޮލާންޑް ޖަލްސާ ކުރިއަށްގެންދިޔަ ސަރަހައްދުގައި އެ ހާދިސާ ހިނގީ، ބަޑީގެ ސޭފްޓީ ކެޗް ލޮކްނުކޮށް ހުރުމުން ބަޑި ޑިސްޗާޖެވެގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަޑީގެ ވަޒަން އެރީ އެތަނުގައި އުޅުނު ވެއިޓަރަކާ، އެ ސަރަހައްދުގައި އުޅުނު ރެއިލްވޭ މެއިންޓަނެންސް ކުންފުންޏެއްގެ މުވައްޒަފެއްގެ ގަޔަށެވެ. ވެއިޓަރުގެ ފަޔަށް ވަޒަން އެރިއިރު، ދެވަނަ ވަޒަން އެރީ ރެއިލް ސްޓޭޝަންގެ މުވައްޒަފުގެ ފައިގެ ކުޑަހުޅަށެވެ.

އެ ދެމީހުންގެ ހާލު ރަނގަޅުކަމަށް އެގައުމުގެ ނޫސް އެޖެންސީތަކުން ބުނެއެވެ.

އޮޅިގެން ނަމަވެސް ބަޑި ޖެހުމުގެ އެ ހާދިސާގެ ސަބަބުން ފްރާންސްގެ ރައީސްގެ ވާހަކަފުޅު ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފައެވެ.

"މިއީ ސީރިއަސް ކަމެއް ނޫންކަމަށް އުންމީދު ކުރަން. އަޅުގަނޑަށް ހީވަނީ ސީރިއަސް ކަމެއް ނޫންހެން،" ފްރާންސްގެ ރައީސް ވިދާޅުވި ކަމަށް ފްރާންސްގެ ނޫސް އެޖެންސީތަކުގައި ބުނެފައިވެ އެވެ.

އޮޅިގެން ބަޑި ޖެހުނުކަމަށް ފުލުސްމީހާ ބުނި ނަމަވެސް، މައްސަލަ އަންނަނީ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންނެވެ.