28 Feb 2017, 21:13
ފ. އަތޮޅު ވިއްކާލުމަށް ތާއިދުކޮށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ވާހަކަ ދައްކާފައި ނުވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމާ އެ ޕާޓީން ދެކޮޅުކަން މީގެކުރިން ވެސް ހާމަކޮށްފައިވާ ކަމަށާއި ސަރުކާރުން ފ. އަތޮޅު ވިއްކާލުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ސަރުކާރުން ސައުދީގެ ޝާހީ އާއިލާއަކަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް، އެ އަތޮޅު ވިއްކާލަން އުޅޭތޯ ނުވަތަ ނޫޅޭތޯ ނުވަތަ އެކަމުގެ އެއްވެސް ތަފްސީލެއް ސަރުކާރުގެ ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުން ހުއްޓުވުމަށް ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ފާފުއަތޮޅު ވިއްކާލާކަމުގެ ހަބަރުތައް ފެތުރިފައިވީ ނަމަވެސް އެކަމާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވުމުން، ރައްޔިތުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމުންގެންދާތީ، ރައްޔިތުނަށް އެ މައުލޫމާތު ހޯދައިދީ، ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން އެކަމާގުޅޭ ހުރިހާ މައުލޫމާތެއް ސާފުކުރުމަށް އެމްޑީޕީންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އެ މަޢުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ވަނީ ހުށަހަޅާފައެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ މައުލޫމާތު ހޯދުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގެ ކޮމެޓީގައި އެދުމަކީ އެއްވެސް ހާލެއްގައި ފާފުއަތޮޅު ވިއްކާލުމަށް ތާއީދުކުރުމެއް ނޫން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.