ބަނގުލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ފައިނަލުންގައި އެއްކޮޅުން ވާދަކުރާ، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަކީ، ދިވެހި ގައުމު ފަހުރުވެރިވުން ހައްގު ކްލަބެއް ކަމަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ޓީސީން ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި ބައިނަލްއަގްވާމީ ކްލަބް ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ކްލަބަކުން ފައިނަލާ ހަމައަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން ދިވެހި ފުޓްބޯޅައިގައި ހަގު އެހެން ނަމަވެސް، ޒުވާން ޓީމަކާއެކު މޮޅު ކުޅުމެއްް ދައްކަމުންދާ ޓީސީން ވަނީ، ބަނގުލަދޭޝްގެ ޗިޓަގޮންގައި ކުރިއަށް ދާ ބައިނަލްއަގްވާމީ ކްލަބު ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލްގައި ޓީސީއާ ވާދަކުރާނީ، ކޮރެއާގެ ޕޮޗިއޯން އެފްސީއެވެ.

ސަން ސްޕޯޓްސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ، ޓީސީގެ ކާމިޔާބީއަކީ ސަރުކާރުން 'ހަބޭސް' ކިޔާވަރުގެ ކާމިޔާބީއެއް ކަމަށެވެ.

"ޓީސީގެ މި ކާމިޔާބީއަކީ ހަމަ ދިވެހިރާއްޖޭގެ ހުރިހާ ބޭފުޅުންނަށް ވެސް ބަލައިގަނެވޭނޭ ކާމިޔާބީއެއް. ދިވެހި ސަރުކާރުގެ ފަރާތުން، ރައީސް ޔާމީންގެ ސަރުކާރުގެ ފަރާތުން، ހަމަ ހަބޭސް ގޮތުގައި، ހުރިހާ ޒުވާނުންނަށް މަރުހަބާ ކިޔައި، އަދި އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައި ވެސް މިފަދަ އެހެން ޓީމުތައް، ބައިނަލްއަގްވާމީ މުބާރާތްތަކުގައި މިފަދަ ކާމިޔާބީތައް ހޯދުން،" އިރުތިޝާމް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، ޓީސީގެ ޒުވާން ޓީމުން ހޯދި ތާރީޚީ ކާމިޔާބީއަކީ، ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކޮށް އެކަމަށް މަރުހަބާ އާއި ޝުކުރު އަދާކުރާ ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާކިޔަން ޓީސީ ސްޕޯޓްސް ކްލަބަށް އަދި ޓީމް ޕްލޭޔަސް އަށާއި މެނޭޖްމަންޓަށް، އަދި ކޯޗު ނިޒާމްބެ ދިވެހިރާއްޖެއަށް ވަރަށް ފަހުރުވެރި ނަމެއް މި ހޯއްދަވައިދެއްވީ،" އިރުތިޝާމް ވިދާޅުވިއެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ވާދަކޮށް، މިފަދަ ބައިނަލްއަގްވާމީ މުބާރާތެއްގެ ފައިނަލާ ހަމައަށް ދިވެހި ކްލަބެއް ދަތުރުކުރި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އިރްތިޝާމް ވިދާޅުވީ، "މިއީ ދިވެހި ފުޓްބޯޅަ ކްލަބެއްގެ ނަން ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ސަފްހާތަކުގައި ޖަހާލެވޭ ފުރަތަމަ ފަހަރު" ކަމަށެވެ.

"ޓީސީ ސްޕޯޓްސް ކްލަބަކީ ވަރަށް ޒުވާން ޓީމެއް. ރާއްޖޭގައި އެކިއެކި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅުއްވައި، އަދި ބައިނަލްއަގްވާމީ މުބާރާތެއްގައި ޒުވާން ގިނަ ކުޅުންތެރީންތަކެއް ބައިވެރިވާ ޓީމެއްގެ ގޮތުންވެސް އަޅުގަނޑު ހާއްސަ ގޮތެއްގައި ކުޅުންތެރީންނަށާއި މެނޭޖްމަންޓަށާއި ކޯޗަށް ވަރަށް ބޮޑަށް ސަރުކާރުގެ ނަމުގައާއި ހާއްސަކޮށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަންފުޅުގައި ޝުކުރު އަދާކުރަން." ކުޅިވަރާބެހޭ ވަޒީރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ބައިނަލްއަގްވާމީ މުބާރާތެއްގެ ފައިނަލްގައި ދިވެހި ކްލަބަކުން ކުޅޭކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެނގެން ޖެހޭކަމަށާއި، އަދި އެ މުބާރާތް ކާމިޔާބުކުރުމަށް ޓީސީ ސްޕޯޓްސް ކްލަބަށް ދިވެހި އެންމެހައި ރައްޔިތުންނާ ސަރުކާރުން ވެސް ހިތްވަރުދީ، އެންމެހައި ދިވެހީން އެ ކްލަބާއެކު ވާކަން ހާމަކޮށްދޭން ޖެހޭކަމަށެވެ.

ފައިނަލުގައި ޓީސީ އާއި ޕޮޗިއޮން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:30 ގައެވެ. ގްރޫޕް ސްޓޭޖުގައި ވެސް ޕޮޗިއޮން އާއި ޓީސީ ބައްދަލުކޮށްފައިވެއެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.