29 Jun 2011, 23:08
ކާބުލް : އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރކޮންޓިނެނެޓަލް ހޮޓަލަށް އިއްޔެދިން ޙަމަލާތަކުގެ ޒިންމާ ތާލިބާން ޖަމާއަތުން އުފުލައިފިއެވެ.
ތާލިބާނުންގެ ތަރްޖަމާނެއްކަމަށް ޒަބީޙުﷲ މުޖާހިދު ވިދާޅުވީ މިއީ އަފްޣާން ހަނގުރާމައިގާ ބައިވެރިވާ ބޭރުގެ ބާރުތަކުގެ ޑިޕްލޮމޭޓުންނާއި މަސްއޫލުވެރިން ބޭނުންކުރާ ހޮޓަލަކަށްވާތީ އެއީ ހަމައެކަނި މަދަނީ ތަނެއްނޫންކަމަށާއި އެއީ ޢަސްކަރީ އަމާޒެއް ކަމުގައެވެ.
ކާބުލްގައި ހުންނަ ހަމައެކަނި ފަސްތަރީގެ ހޮޓާ ކަމަށްވާ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ހަމަލާތައް ދީފައިވަނީ 8 މީހުންގެ ޖަމާޢަތަކުން ޖާނުގޮއްވާލައިގެން ކަމަށާ މިޙަމަލާތަކުގައި 18 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވި ކަމަށް އަފްޣާން ދާޚިލީ ވުޒާރާއިން ބުނެއެވެ.
އެވުޒާރާގެ ތަރްޖަމާނަކު ހާމަކުރެއްވި ގޮތުގައި އެހޮޓަލަށް ދިން ޙަމަލާތަކުގައި މަރުވެފައިވަނީ ޖާނުގޮއްވާލި 8 މީހުންނާއި މަދަނީ 10 މީހުންނާއެކު 18 މީހުންނެވެ. ޖާނުގޮއްވާލުމުގެ ޙަމަލާތައް ތަންފީޒުކުރި ހަނގުރާމަވެރިން އެހޮޓަލުގެ ކޮޓަރިތަކަށް ވެގެންއުޅެނިކޮށް ފެނިފައިވާ ކަމަށް އެހޮޓަލުގައި މަސައްކަތްކުރާ މުވައްޒަފުން ބުނެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މިހަމަލާދީފައިވަނީ ތާލިބާނުންނާއެކު ސުލްޙަިއގެ ވާހަކަތަކެއް ކުރިޔަށް ގެންދާކަން އެމެރިކާ ހާމަކޮށްފައި ވަނިކޮށެވެ. އަދި އަފްޣާނިސްތާނުން ފޭބުމުގެ ޕްލޭނެއްވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިޢްލާން ކުރެއްވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ތާލިބާނުންގެ މިޙަމަލާތަކުގެ ސަބަބުން ވެރިރަށް ކާބުލްގެ އެންމެ މުހިއްމު ސަރަޙައްދު ތައްވެސް ތާލިބާނުންގެ ނުރައްކަލުން ސަލާމަތް ކުރުމުގައި އަފްޣާން ސަރުކާރާއި އެމެރިކާއާއި ނޭޓޯ ގެ ގުޅިފައިވާ ލަޝްކަރުތައް ފޭލްވެފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. -- އަލްޖަޒީރާ