28 Feb 2017, 19:46
ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތް އެޅުމުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
"ކިންގް ސަލްމާން މިސްކިތް" ތުރުކީ ކުންފުންޏަށް އެޅުމުގެ މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށް މިއަދު ވަނީ ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މަސައްކަތަށް އެ ކުންފުނިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި އިރު، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރަނީ ޓާމެކްސް ކުންފުނިންނެވެ.

މިސްކިތުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ
ކިންގް ސަލްމާން މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތަށް ވާއިރު އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެ މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ އެ މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެތަނުގައި ހުރި ވެހިކަލްތައް ނަގައި ބިން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެތަނުގައި ފެންސް ޖަހައި ސައިޓް ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް މިދިޔަ އަހަރު ފެބްރުއަރީ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ހައުންސިން މިނިސްޓްރީ
ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.
ފަޒާލް ވިދާޅުވީ އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް އެތަނުގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު ގުރުއާނާ ބެހޭ މަރުކަޒުގެ އާ އިމާރާތެއް ވެސް މިސްކިތާ އެކު ބިނާކުރާނެ ކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމާފަ އެވެ.

މިސްކިތުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ ހައުސިން މިނިސްޓްރީ
އެ މިސްކިތް ހަދަނީ ހަ ފަންގިފިލާ އަށް ވާގޮތަށެވެ.
އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.