ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނު އަދި ތަޖުރިބާ ހޯދައި ދިނުމުގައި އިންޑިއާ އިން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެ އެވެ.

ސަފީރު އެހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިޝްރާއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު، މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގަ އެވެ. އެ ބައްދަލުވުމުގައި ވަނީ ދިވެހި ނޫސްވެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން އިންޑިއާ އިން ތައުލީމީ ފުރުސަތުތަކުގެ އިތުރުން އިންޑިއާގެ ތަޖުރިބާކާރުން ގެނެސް ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައި އިންޑިއާގެ މީޑިއާތަކުގައި ދިވެހި ނޫސްވެރިންނަށް ތަޖުރިބާ ހޯދިދާނެ ގޮތްތަކާ މެދު ސަފީރާ އެކު މަޝްވަރާ ކުރި އެވެ.

އިންޑިއާ ސަފީރާ މީޑިއާ ކައުންސިލްގެ މެމްބަރުން ބައްދަލުކުރައްވަނީ --- ފޮޓޯ/ މީޑިއާ ކައުންސިލް

ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން ދެ ގައުމު އޮތީ ގުޅިލާމެހިފައި ކަމަށާއި ދެގައުމުގެ މެދުގައި އޮތީ އެއްބައިވަންތަ، އެކުވެރި އަދި އާއިލީ ގުޅުމެއް ކަމަށެވެ.

އެގޮތުން ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އަބަދުވެސް އެހީތެރިވެ ހިދުމަތްކުރުމުގައި ދެމި ހުންނަވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމްއެމްސީން ބުނީ، ދިވެހި ނޫސްވެރިންނަށް ތައުލީމާއި ތަމްރީނު އަދި ތަޖުރިބާ ހޯދައިދޭން މީޑިއާ ކައުންސިލުން ގެންގުޅޭ ވިސްނުމަށް ސަފީރު މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

އެމްއެމްސީން ބުނީ އެ ކަންކަމަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އިންޑިއާ އެމްބަސީ އާއި މީޑިއާ ކައުންސިލާ އެކު އިތުރު ބައްދަލުވުންތައް ބޭވުމަށް ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އިންޑީއާ އެމްބަސީގެ ސީނިއާ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.