ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ފީ ނެގުމަށް އެޗްޑީސީން ނިންމާފައިވާ ނިންމުމަށް ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ އެސޯސިއޭޝަނުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ހުޅުމާލޭ ފަރާއި ފަޅު ބޭނުންކުރާނެ ގޮތުގެ އުސޫލެއް އެޗްޑީސީން އެކުލަވާލާފައިވާ އިރު، އެޖަމިއްޔާއިން ކަންބޮޑުވާ ގިނަ ކަންތައްތަކެއް އޭގައިވާ ކަމަށެވެ.

އާދީއްތަ ދުވަހު އާންމުކުރި އެ އުސޫލުގައިވާ ކަންކަމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު މަޝްވަރާކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ލިވްއަބޯޑް އެސޯސިއޭޝަނުގެ ސިޓީގައިވެއެވެ.

ލިވްއަބޯޑް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ސޮއި ކުރައްވައި، ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭ ފަޅުގައި ސަފާރީތައް އެޅުމަށް ވަކި ޚާއްސަ ސަރަހައްދެއް ގާއިމުކޮށްފައި ނެތުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެ ކަންކަމުގެ މައުލޫމާތު އެޗްޑީސީ އާއި އެހެން މުއައްސަސާތަކާ ވެސް ހިއްސާ ކުރަމުން ގެންދަނިކޮށް، ހުޅުމާލޭ ބަނދަރުގައި އަޅާ އުޅަނދުތަކުން އިތުރަށް ފީއެއް ނަގަން ފެށުމަކީ ސަފާރީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ލިވްއަބޯޑު އެސޯސިއޭޝަނުން ބުނީ ކަނޑު އުޅަނދުފަހަރުގެ ފީއަށް ގެނެސްފައިވާ ބަަދަލާ ގުޅިގެން، އަހަރީ ފީއަށް ބޮޑު އަދަދެއް ދައްކަމުން، އަދި މިހާރު އިތުރަށް ފަޅުގެ ބޭނުން ކުރާތީ ބޮޑު އަދަދެއްގެ ފީއެއް ކަނޑައެޅުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެ އެސޯސިއޭޝަނުން ވަނީ އެޗްޑީސީއާ އެކު އެކަމާ މެދު މަޝްވަރާކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އަދި މާދަމާ ނަގަން ހަމަޖެހިފައިވާ ފީ ނެގުން ލަސްކޮށްދިނުމަށް ވެސް ލިވްއަބޯޑު އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތައް ވަނީ ދެ ގިންތިއަކަށް މިންކޮށްފައެވެ. އަދި ދެ ގިންތީގެ އުޅަނދުތައް އަޅާފައި ބޭއްވުމަށް ހުޅުމާލޭ ބަނދަރުން ދެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

ފުރަތަމަ ގިންތީގައި ހިމެނޭ ޔޮޓުފަހަރާއި ސަފާރީއާއި ޑައިވިންގް އަދި އެކްސްކާޝަން އުޅަނދުތައް ފަދަ، ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އުޅަނދުތަކެވެ. ހުޅުލެއާ ދިމާލުން އޮންނަ ފުރަތަމަ ޒޯނުގައި އަޅާ މިފަދަ އުޅަނދުތަކުގެ ދިގުމިނަށް ބަލައި، ކޮންމެ މީޓަރަކަށް މަހަކު 50 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ދެވަނަ ޒޯނު އޮންނަނީ ހުޅުމާލޭ ބަނދަރުގެ އިރުމަަތީ ދިމާލުގައި، ހުޅުމާލޭގެ ދެވަނަ މަޝްރޫއުގައި ހިއްކި ސަރަހައްދު ކުރިމަތިންނެވެ. އެ ސަރަހައްދުގައި އަޅާފައި ބޭއްވޭނީ ލޯންޗާއި، މުދާ އުފުލާ އުޅަނދުތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުތަކާއި އަމިއްލަ އުޅަނދުފަހަރެވެ. އެ ޒޯނުގައި އޮންނަ ކޮންމެ އުޅަނދެއް މަހަކު ދައްކަން ޖެހެނީ ދިގުމިނަށް ބަލައި، މީޓަރަކަށް 100 ރުފިޔާގެ ފީއެކެވެ.

އުސޫލުގައި ބުނެފައި ވަނީ، އެ އުސޫލާ ޚިލާފުވާ ފަރާތެއް ފުރަތަމަ ފަހަރަށް 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދު، ދެވަނަ ފަހަރު 10،000 އާ 50،000 ރުފިޔާއާ ދެމެދު، އަދި ތިން ވަނަ ފަހަރު އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިދާ ނުދައްކައިފި ނަމަ، ނުވަތަ ތިންފަހަރަށް ވުރެ ގިނައިން ގަވައިދާ ޚިލާފުވެއްޖެ ނަމަ އެފަރާތެއް ހުޅުމާލޭ ބަނދަރު ބޭނުންކުރުން މަނާކުރެވޭނެއެވެ.