28 Feb 2017, 18:30
އިބްތިހާލުގެ މަރުގެ މައްސަލައިގައި ވ. ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތް ކުރަމުން ދިޔަ އެތަނުގެ ކައުންސިލަރު ބީޗްވިލާ އަހުމަދު ޝުޒާދު ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލް އިން ނިންމި ނިންމުމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު، ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޝުޒާދު ވަޒީފާއިން ވަކިކުރީ އިބްތިހާލްގެ ރައްކާތެރިކަން ޔަގީންކުރުމުގައި ވ. އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެ، އެފަދަ ކަންކަމުގައި އަމަލުކުރަން އޮންނަ އުސޫލާއެއްގޮތަށް އަމަލުނުކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ނަމަވެސް ހަވާލުކުރި މަސައްކަތަށް އޭނާ އިހުމާލުވެފައިވާ ކަމަށް ކަނޑައެޅޭނީ އޭނާއާ ހަވާލުކޮށްފައިވާ މަސައްކަތަކީ ކޮބައިކަން އެނގިގެންނާއި އަދި އޭނާ ޚިލާފުވީ އެފަދަ ކަންކަމުގައި އަމަލު ކުރުމަށް ޖެންޑާ މިނިސްޓްރީން ކަނޑައަޅާފައިވާ ކޮން އުސޫލަކާކަން ޝަރީއަތަށް ސާބިތުވާ ހާލަތުގައި ކަމަށް އެ ހުކުމްގައި ވެއެވެ.
ވަޒީފާގެ ބަޔާނެއް ދީފައިނުވާ ކަމަށް ޝުޒާދުު ބުނާއިރު، އެފަދަ މައްސަލައެއް ދިމާވުމުން ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ކައުންސިލަރުން އަމަލުކުރަންޖެހޭ ސްޓޭންޑަޑް ޕްރޮސީޖާ އަކީ ކޮބައިކަން ސާފުކޮށްދިނުމަށް ދައުލަތަށް ދިން ފުރުސަތުގައި އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ހައިކޯޓުން އެ މައްސަލަ އެގޮތަށް ނިންމާފައިވަނި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު އަލީ ސަމީރާއި، އަބްދުﷲ ހަމީދުގެ އިތުރުން އަބްދުއްރައޫފް އިބްރާހީމެވެ.
އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އޭގެތެރޭގައި ޝުޒާދު ވެސް ހިމެނެއެވެ.