28 Feb 2017, 22:22
ބެއިޖިންގް (ފެބްރުއަރީ 28) : އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން ދުނިޔެ މިހާރަށްވުރެ ބޮޑަށް އަމާންވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޗައިނާ ބުނެފި އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުކުރުމަކީ ދުނިޔޭގައި މިހާރަށްވުރެ ބޮޑަށް ހަމަޖެހުން ގާއިމް ކުރުމުގެ މަގުސަދުގައި ކުރާ ކަމެއްނަމަ ޗައިނާ އެކަމަށް މަރުހަބާ ކިޔާނެ ކަމުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ދިފާއީ ބަޖެޓް 10 އިންސައްތަ ބޮޑު ކުރުމަށް އެމެރިކާގެ ދިފާއީ ވުޒާރާ، (ޕެންޓަގަން) އިން އެކުލަވާލި ޕްލޭނަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އެމެރިކާގެ މިއަހަރުގެ ދިފާއީ ބަޖެޓަކީ 558 ބިލިޔަން ޑޮލަރެވެ. މިއަދަދު މިއަހަރު ތެރޭގައި މި ބަޖެޓް، 603 ބިލިޔަން ޑޮލަރަށް މަތިކުރުމަށް ނިންމައި ޕެންޓަގަން އިންވަނީ އެކަން ޓްރަމްޕަށް ހުށަހަޅާފައެވެ. ޕެންޓަގަން އިން ދިފާއީ ބަޖެޓް އިތުރުކުރީ ޓްރަމްޕް ދެއްވި ލަފާފުޅުގެ އަލީގައެވެ. އެމެރިކާގެ ދިފާއީ ބަޖެޓަށް އިތުރުކުރި 45 ބިލިޔަން ޑޮލަރު ބޭނުންކުރުމަށް ހަމަޖައްސާފައި ވަނީ ހަނގުރާމައިގެ އިތުރު މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ބަނުމަށާއި ރީސާޗް މަސައްކަތްތަކުގެ އިތުރުން ތަމްރީންތަކަށެވެ.
ޓްރަމްޕަކީ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު އެމެރިކާގެ ދިފާއީ ބަޖެޓް ބޮޑުކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުކުރުމުގެ ބަދަލުގައި އޭނާގެ ސަރުކާރުން އިސްކަންދޭނީ އެމެރިކާގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް އިތުރު ކުރުމަށާއި ބައުވެފައިވާ އެމެރިކާގެ އިންފްރާސްޓްރަކްޗަރ އައު ކުރުމަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު ޓްރަމްޕް މިވަނީ މިހާރަށްވުރެ އަސްކަރީ ބަޖެޓް 10 އިންސައްތަ ބޮޑުކުރުމަށް ނިންމަވާފައެވެ.
އިރާގާއި އަފްޣާނިސްތާނާއި ސޫރިޔާއާއި ލީބިޔާއާއި ޔަމަންފަދަ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް އެމެރިކާގެ ސަރުކާރުތަކުން ފާއިތުވި 14 ވަރަކަށްއަހަރު ތެރޭގައި 6 ޓްރިލިޔަން ޑޮލަރު ބޭކާރު ގޮތުގައި ޚަރަދުކޮށްފައިވާ ކަމަށް ދާދިފަހުން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ޗައިނާއަކީ އެމެރިކާއަށްވުރެވެސް ބޮޑު އިގްތިސާދެއް އޮތް ގައުމެއްނަމަވެސް ޗައިނާގެ ދިފާއީ ބަޖެޓަކީ ގާތްގަނޑަކަށް 138 ބިލިޔަން ޑޮލަރެވެ.
އެމެރިކާއަކީ އަސްކަރީ ބަޖެޓް އެންމެ ބޮޑު ގައުމު ކަމަށްވެފައި މުޅި ދުނިޔޭގައި އަސްކަރީ ގޮތުން އެންމެ ބާރުގަދަ މަގާމުގައި އޮތްގައުމު ކަމަށްވީނަމަވެސް ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ ކުރި އެއްވެސް ހަނގުރާމައެއް އެމެރިކާ ސިފައިންނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމައްސަލަ އެމެރިކާގެ އެތެރޭގައިވެސް ވަނީ ބޮޑު ބަހުސަކަށް ވެފައެވެ. (ރޮއިޓާސް)