28 Feb 2017, 17:30
ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް ކަނޑައަޅައިފި އެވެ.
ޖަޕާނާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 27 ޑިސެމްބަރު 1967 ވަނަ އަހަރުއެވެ. އެ ގުޅުން ފެށިގެން އައީ ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ސެއިޒޯ ހިނާޓާ ރާއްޖެ ވަޑައިގެން، ރާއްޖޭގެ ރަސްގެފާނު މުހައްމަދު ފަރީދު ދީދީއަށް، ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމާ އެކުއެވެ.
މިއަހަރުގެ ޑިސެމްބަރު 27 އަށް ޖަޕާނާ ރާއްޖެއާ ދެމެދުގެ ގުޅުމުގެ ރަން ޔޫބިލް ފާހަގަކުރާ އިރު، މި މުނާސަބާ ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ވަނީ، މިއަހަރު ބާއްވާ އެކި ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ބާއްވާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހު އިއުލާންކޮށް، އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ އެ މުބާރާތަށް 24 ފަރާތަކުން ލޯގޯ ހުށަހެޅި އިރު، އެންމެ މޮޅު ލޯގޯއަކަށް ހޮވިފައި ވަނީ ޓޯކިޔޯގައި ދިރިއުޅޭ ޖަޕާނު ރައްޔިތެއް ކަމުގައިވާ އަކީރާ އުންނޯ ނަމަކަށް ކިޔާ މީހަކު ފަރުމާކުރި ލޯގޯއެކެވެ. އެ ލޯގޯއިން ދައްކައިދެނީ ޖަޕާނާއި ރާއްޖޭގެ ދިދައާ، "50" މި ނަމްބަރާ އެކު ގުޅުވާލާފައިވާ މަންޒަރެކެވެ.
ޖަޕާނުން ރާއްޖޭގައި އެމްބަސީއެއް ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ކަޒުމީ އެންޑޯއެވެ.
އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފެވެ.