ވޭތުވެ ދިޔަ އަހަރު އޮލިމްޕަސް ފަޅުފިލުވާލަދިން "4426"ގެ ކާމިޔާބު ޝޯތަކަށް ފަހު ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ބަހެއް މިހާރު އިވެނީ ވަރަށް މަދުންނެވެ. ނަހުލާ ފިލްމުތަކެއް ކުރިޔަށް ހުރި ކަމަށް އިއުލާން ކުރިއިރު މިދުވަސްވަރު އޭނާގެ ނަން އިވޭލެއް މަދުވެފައެވެ. ދިވެހި ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކުން ތިބޭނީ ކޮންމެސް ވަރަކަށް އޭނާގެ އަޑެއް އިވުމަށް އެދިއެދި އެވެ.

ކުޅަދާނަ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނަހުލާ 'ސަން' އަށް ވާހަކަ ދައްކަމުން ބުނީ، އޭނާ މިި ދުވަސްވަރު ޗުއްޓީގައި ހުރި ނަމަވެސް ވަރަށް އަވަހަށް ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތްތައް ފަށާނެކަމަށެވެ. އެގޮތުން ރޯދަމަހުގެ ފަހުން "ބޮސް"ގެ މަަސައްކަތް ފަށާނެ ކަމުގެ އުފާވެރި ހަބަރު އެނާ ވަނީ ދީފައެވެ. މި ފިލްމުގައި ނަހުލާ "ބޮސް" ސިފަ ކުރަނީ ބޮސްދިނުމަށެވެ.

"އަޅުގަނޑު މިވަގުތު މިހުރީ ޗުއްޓިއެއްގައި. ފިލްމުތައް ހެދުން ހުއްޓާލީއެއް ނޫން. އަންނަ ރޯދަމުހުގެ ފަހުން 'ބޮސް'، މި ޕްރޮޖެކްޓްގެ މަަސައްކަތް ފަށާނަން. މިހާރު މިދަނީ އެއަށް ތައްޔާރުވަމުން،" ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ނަހުލާ ބުންޏެވެ.

ޒުލޭހާ އާއި ޔޫސުފް ފަދަ ފިލްމުތަކުން ބެލުންތެރިން ރޮއްވާލި ނަހުލާ ބުނީ "ބޮސް" އަކީ ވެސް އެކަހަލަ އަސަރުގަދަ ރޮމޭންޓިކް ފިލްމަކަށް ވެގެންދާނެ ކަަމަށެވެ.

"މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް މިހާރު މިވަނީ ނިމިފަ. 'ބޮސް' ވެސް ވާނީ އަސަރުގަދަ އަދި އެހާމެ ރޮމޭންޓިކް، ބެލުންތެރިން ރޮއްވާލާނެ ފިލްމަކަށް،" އެހެންކަމުން މިފިލްމުގައި ވެސް ކުރިން ފިލްމުތަކުގައި ޖަހާ ތައްގަނޑު ޖަހާލެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަހުލާ ފުރަތަމަ އުފެއްދި ބިރުވެރި ފިލްމު، "4426"އަށްފަހު އޭނާ ދަނީ "ބޮސް" އަށް ޑައިރެކްޓަރަކު ހޯދުމުންނެވެ. ނަހުލާ ބުނީ އެ ފިލްމު ޑައިރެކްޓް ކުރަން ބޭނުންވަނީ އޭނާ އާއި އެއްފެންވަރެއްގެ އެކަމަށް އެންމެ ގާބިލް މީހެއްކަމަށެވެ.

"ބޮސް" ގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އިރު ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ރިސޯޓެއްގެ އިތުރުން އަތޮޅުތެރޭ ރަށެއްގައެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ނަހުލާ ހާމައެއް ނުކުރެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓް ފަރާތުން ގެނެސްދޭ "ބޮސް" ގައި ފެނިގެންދާނެ ތަރިން ވަނީ މިހާރު ހަމަޖައްސާފައެވެ. އެގޮތުން ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ކުޅަދާނަ ބަތަލާ މަރިޔަމް އަައްޒައެވެ. އައްޒައާއި އެކު ފެންނަ ފިރިހެން ބައިވެރިޔަކީ މި ދާއިރާއަށް މުޅިން އާ މޫނެކެވެ. ނަމަވެސް އެއީ ކާކުކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

މިދިޔަ އަހަރު ގެނެސްދިން ފިލްމުގެ ކާމިޔާބީއަށްފަހު ދެން އަންނަން އޮތް "ބޮސް" މިއަހަރު ފަހުކޮޅުގައި އޮލިމްޕަހަށް އަންނާނެއެވެ. އޭގެ އިތުރުންވެސް ނަހުލާގެ އެހެން ފިލްމުތަކުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމުގެ އުފާވެރި ހަބަރު އޭނާ ދިނީ "ބޮސް" އަށް އިންތިޒާރުކޮށްލާށޭ ބުނެލަމުންނެވެ.