28 Feb 2017, 16:04
ކުއަލަލަމްޕޫރު (ފެބްރުއަރީ 28): ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި ދެ އަންހެނެއްގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރާނެ ކަމަށް މެލޭޝިއާގެ ޕްރޮސިކިއުޓަރުން ބުނެފި އެވެ.
އެޓާނީ ޖެނެރަލް މުހައްމަދު އަޕަންޑީ އަލީ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާ އާއި ވިއެޓްނާމަށް ނިސްބަތްވާ ދެ އަންހެނުންގެ މައްޗަށް މިހަފްތާގެ ބުދަ ދުވަހު މަރުގެ ދައުވާ ކުރާނެ އެވެ. އަދި އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް ކުރާނެ އެވެ.
އެ ދެ އަންހެނުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މެލޭޝިއާގެ އެއާޕޯޓުގައި ހުއްޓާ ކިމް ޖޮންގް ނަމްގެ މޫނުގައި ނުރައްކާތެރި ކެމިކަލެއް ހޭކުން ހިމެނެ އެވެ. ނަމަވެސް އެ ދެ އަންހެނުން ބުނި ގޮތުގައި ޓީވީ ޝޯއަކަށް ޓަކައި ކިމްގެ މޫނުގައި ހޭކީ ބޭބީ އޮއިލް އެވެ.
އެ ދެ އަންހެނުންނަކީ ކިމްގެ މަރާ ގުޅުން ހުރި ކަމަށް މެލޭޝިއާއިން ތުހުމަތުކޮށްފައިވާ 10 މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނުންނެވެ. އެ މައްސަލާގައި މެލޭޝިއާ ފުލުހުން ހައްޔަރު ކުރި އުތުރު ކޮރެއާގެ މީހާގެ މައްޗަށް ދައުވާ ކުރުމާ ބެހޭ ގޮތުން ވަކި ގޮތަކަށް ނިންމާފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އެމައްސަލާގައި ދެން ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އާއި އުތުރު ކޮރެއާގެ ގައުމީ އެއާލައިންގެ މުވައްޒަފަކު ހިމެނެ އެވެ. އަދި ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ މެލޭޝިއާ ދޫކޮށް ގޮސްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ދެކުނު ކޮރެއާ އިން ބުނާ ގޮތުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލީ ކިމް ޖޮންގް އުންގެ އަމުރަށެވެ. އަދި އެކަމުގައި އުތުރު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ބައިވެރިވެފައިވެ އެވެ. (ބީބީސީ)