ސިއްހީ ދާއިރާއިން 2014 ވަނަ އަހަރު 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާތީ އެކަން ހިނގާ ދިޔަ ގޮތް ބަލައިދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެ އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ 2014 ވަނަ އަހަރުގެ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފައިކަން ހާމަވާ ކަމަށެވެެ.

އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ނެޝަނަލް ޑުރަގް އެޖެންސީން 2014 ވަނަ އަހަރު ބަންދު ކުރާ މީހުންނަށް ކާން ދިނުމަށް 6.3 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރީ ޓެންޑާ ބޯޑަށް ހުށަނާޅައި ކަމަށެވެ.

ސިވިލް ސާވިސް ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުން 55،2627 ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރުގަޑީގެ ގޮތުގައި އައިޖީއެމްއެޗް މުވައްޒަފުންނަށް 1،98،345 ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނާފައިގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަށް ބަލައިގެން ނޫން ކަމަށެވެ.

2014 ވަނަ އަހަރު ހެލްތް މިނިސްޓަރުކަން ކުރެއްވި ޑރ. ޝަކީލާއާއި ނާޒިމް-- ސަން ފޮޓޯ

އެކަނިވެރި މައިންނަށް ދޭ ފައިސާ ކައިވެނިކޮށްފައިވާ މީހުންނަށް ވެސް ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 983،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އެ މީހުން މަރުވިފަހުން ވެސް ދީފައިވާކަން އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓުން ވަނީ ފަޅާއަރާފައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 8.6 މިލިއަން ރުފިޔާ ދައުލަތުން ދެއްކި ކަމަށެވެ. އެ ޖޫރިމަނާ ދައްކަން ޖެހުނު ބިލްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ 60 ކަރަންޓް ބިލަކާއި އެ ހޮސްޕިޓަލްގެ 129 ފެން ބިލެއް ހިމެނެއެވެ.

އެމައްސަލަ ބަލައިދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރު ރިޔާޒު އެދިވަޑައިގެންފައިވާއިރު މީގެ ކުރިން އިތުރު ދެ މައްސަލައެއް ބަލައިދޭން އެދި މަޖިލީހުގެ ކޮމިޓީތަކަށް ރިޔާޒު ވަނީ ސިޓީ ހުށަހަޅުއްވާފައެވެ.