އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ޓީމު ކުޅުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ އިތުރު ކުރިއެރިމެއް ކަމަށާއި މިއަދު ހަވީރު ވެލެންސިއާ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނަ އިރު ވެލެންސިއާއިން މި މެޗު ކާމިޔާބު ކުރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސަން ސްޕޯޓްސްއަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕަކީ ވަރަށް ބޮޑު މުބާރާތެއްކަމަށާއި އެފަދަ މުބާރާތެއްގައި ދިވެހި ދެ ކުލަބެއް ވާދަ ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

އޭނާ ވިދާޅުވީ ލިބިފައިވާ މައުލޫމާތައް ބަލާއިރު ވެލެންސިއާ އޮތީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ވެލެންސިއާ އެ މެޗުން މޮޅުވެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަކީ ދިވެހި ސަޕޯޓަރުންނަށް ލިބޭނެ ވަަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

"ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް އެބަ ގެންދަންޖެހޭ. އޭއެފްސީ ކަޕަކީ ބޮޑު މުބާރާތެއް. މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ވާދަކުރުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމެއް" ބައްސާމް ވިދޅުވިއެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެވަނަ ލެގުގެ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 15:30 ގައެވެ. މި މެޗުގައި ވެލެންސިއާ އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނައިރު އެ ދެޓީމު މާލޭގައި މިމަހުގެ 21 ވަނަ ދުވަހު ކުޅުނު މެޗު ވަނީ 1-1 އެއްވަރުވެފައެވެ.

މިއަދުގެ މެޗާ ގުޅޭ ގޮތުން ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ ބުނީ މިއަދުގެ މެޗު ކާމިިޔަބު ކުރުމަށް ކުޅުންތެރިންނާއި މެނޭޖްމަންޓުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.