28 Feb 2017, 15:27
ދ. ކުޑަހުވަދޫ އެއާޕޯޓުގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ.
ކުޑަހުވަދޫގައި އެއާޕޯޓު ތަރައްގީކުރަނީ ރިއޯލޯ އިންވެސްޓްމެންޓްސް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. ކުޑަހުވަދޫ އެއާޕޯޓުގެ މަސައްކަތް ކުރަނީ ރިއޯލޯއިން އުފައްދާފައިވާ "ދާލު އެއާޕޯޓު ހޯލްޑިންގްސް" ކުންފުނިންނެވެ.
"ދާލު އެއާޕޯޓު"ގެ ނަމުގައި ހިންގާ ކުޑަހުވަދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ އިރު، ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، މިހިނގާ ފެބްރުއަރީ މަހުގެ 20 ހާ ތަނުގައި އެރަށު އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކުޑަހުވަދޫ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދަނީ --- ފޮޓޯ/ މުހައްމަދު ޒަމީރު އިސްމާއިލް
ޒަމީރު ވިދާޅުވި ގޮތުގައި، މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ތާރު އަޅައި ނިންމާނެ ކަމަށް، އެއާޕޯޓު ތަރައްގީކުރާ ކުންފުނިން ބުންޏެވެ.
ކުޑަހުވަދޫގައި އަޅާ ދާލު އެއާޕޯޓުގައި އަޅަނީ 1،800 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭގައި ޖެޓު ޖެއްސޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޑަހުވަދޫ އެއާޕޯޓު ވެގެން ދާނީ އަތޮޅު ތެރޭގައި އެޅޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫ އެއާޕޯޓުގެ ރަންވޭގައި ތާރު އަޅަނީ --- ފޮޓޯ/ މުހައްމަދު ޒަމީރު އިސްމާއިލް
"މިރަށުގެ އެއާޕޯޓު އަތޮޅުތެރެއާ އަޅާ ބަލާއިރު ވަރަށް ފުރިހަމަވާނެ. ވަރަށް ރީތި ޓާމިނަލަކާ، ކޮލިޓީ ރަނގަޅު ރެސްޓޯރަންޓަކާ އެކު މިތަން ހުޅުވާނީ. މިއީ އަތޮޅުތެރޭގައި ހުޅުވާނެ އެންމެ ފުރިހަމަ އެއާޕޯޓަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
ދާލު އެއާޕޯޓަށް 60 މުވައްޒަފުން ހޯދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރި އިރު، ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޒަމީރު ވިދާޅުވީ އެ ހުރިހާ މަގާމަކަށް މުވައްޒަފުން މިހާރު ހޮވާފައިވާ ކަމަށާއި، މިހާރު ކުރިޔަށްދަނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކަމަށެވެ.
ދ. ކުޑަހުވަދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކާފައި ---
ޒަމީރު ވިދާޅުވީ، މިހާރު މަސައްކަތްތައް ކުރިޔަށްދާ ގޮތަށް ބަލާ އިރު، ދެ މަހެއްހާ ދުވަސް ތެރޭގައި ކުޑަހުވަދޫ އެއާޕޯޓު ހުޅުވިގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެއާޕޯޓު އެޅުމަށް ކުޑަހުވަދޫގައި 62.81 ހެކްޓަރުގެ ބިން ހިއްކިއެވެ. މިއީ އެއްފަހަރާ 42 ބޯޓަކަށް ޕާކިންގް ޖާގަ ވެސް އޮންނަ ގޮތަށް ހަދާ މި އެއާޕޯޓަކީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓަށް ވާނެއެވެ.