29 Jun 2011, 21:59
ޑެންގީ ހުން ފެތުރޭ މިންވަރު ޕީކް ލެވަލްއަށް އަރާ މީހުންގެ ފުރާނައަށް ގެއްލުންވަމުން ދާތީ މަދިރިން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް )ސީސީއެޗްޑީސީން( ހުރިހާ ފަރާތްތަކަށް އަންގައިފި އެވެ.
ވޭތުވެ ދިޔަ 48 އަށް ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ސަރަހައްދު ތަކުން ހަތަރު ކުޑަކުއްޖަކު ޑެންގީ ހުމުގައި މަރުވުމާއިއެކު ސީސީއެޗްޑީސީން މިއަދު އާންމު ކުރި ބަޔާނުގައި ބުނަނީ އާންމުން އެއްވާތަންތަނާއި އެކަހެރިކޮށް ފެންހެދޭ ފަދަ ގޮތްގޮތަށް ހުންނަ ތަންތަނުގައި މަދިރި އާލާ ވާގޮތަށް ހުރިތޯ ބަލައި އެތަން ތަން ނައްތާލުމަށް އެންމެހާ މުއައްސަސާތަކުންނާއި އާންމު ފަރުދުން ގުޅިގެން މަސައްކަތްތައް ފެށުމަށެވެ.
"... މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ރަށެއްގައިވެސް އަމިއްލަ ގޭތެރޭގައި އެކި މުއައްސަސާތަކުގެ އިމާރާތްތަކާއި ގޯތިތެރެ އަދި ވަކިން ހާއްސަކޮށް ސްކޫލް ތަކާއި ހޮސްޕިޓަލް ފަދަ ތަންތަނުގެ ގޯތިތެރެ ސާފުކޮށް، މަދިރި ފަނި އުފެދޭ ތަންތަން ހުރިތޯ ބަލައި ގަވާއިދުން ޗެކްރުރުމަށް ދަންނަވަމެވެ،" ސީސީއެޗްޑީސީގެ ބަޔާން ބުނެ އެވެ.
އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން މިދުވަސްވަރު އަޅަންޖެހޭ ބައެއް ފިޔަވަޅުތަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިރުއޮއްސޭ ގަޑީގައި މަދިރިން ސަލާމަތްވުމަށް މަދިރި ބޭހާއި އަދި ހަށިގަނޑު ބޮޑަށް ފޮރުވޭނެ ފޭރާން ބޭނުކުރުމަށް ވަނީ އެދިފަ އެވެ.
ޑެންގީ ހުން ޕީކް ލެވަލް ގޮސް ސީއެޗްޑީސީޑީ އެލާޓަށް އައުމާއި އެކު މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އެގޮތުން މާދަމާ ހެނދުނުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު މުޅި މާލެއަށް މަދިރި ދުން ސްޕްރޭ ކުރުމާއި އަދި މާލޭގެ ކާނުތަކަށް މަދިރި ބޭސް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ ކައުންސިލްގެ މެންބަރު މުހަންމަދު ފަލާހު ވިދާޅުވި އެވެ.
"ސީސީއެޗްޑީސީގެ އިރުޝާދާއި އެކު އަޅުގަނޑުމެން މާދަމާއިން ފެށިގެން އެ މަސައްކަތް ފަށައި ކުރިއަށް މިއޮތް މަހެއްހާ ދުވަހު މިކަން ހަމައަކަށް އެޅެންދެން މިކަން ކުރިއަށް ގެންދާނަން،" ފަލާހު ވިދާޅުވި އެވެ.
މާލޭގައި މަދިރި އުފެދޭ ގޮތަށް ހުރިތަންތަން އިންސްޕެކްޓްކޮށް އެތަންތަން ނައްތާލުމުގެ މަސައްކަތް ވެސް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. އެކަންކުރާނީ ސީސީއެޗްޑީސީ އާއި ގުޅިގެނެވެ.
ޑެންގީހުން ފެތުރުމަކީ މޫސުން ބަދަލުވާ ދުވަސްވަރުގައި އާންމުކަމަކަށް ވިޔަސް މިއަހަރުން ފެށިގެން ޑެންގީހުން އަންނަނީ ވަރަށް ގަދަޔަށް ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުވެސް ދެ ކުޑަކުއްޖަކު ވަނީ ޑެންގީ ހުމުގައި މަރުވެފަ އެވެ. ވޭތުވެދިޔަ 48 ގަޑިއުރު މަރުވި ކުދިންނާއި އެކު މިއަހަރުގެ މިހާތަނަށް ޑެންގީގައި މިވަނީ ހަ ކުއްޖަކު މަރުވެފަ އެވެ. މިއީ ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ ހުންޖެހިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ މީހުންގެ ފުރާނަ ގެއްލުނު ފުރަތަމަ ފަހަރެވެ.