ރައްޔިތުންނާއި ގައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން، އިބަރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުގެ ތަރައްގީއަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް މި ސަރުކާރުން ކުރާ ތަރައްގީގެ އެއްވެސް މަސައްކަތެއް ހުއްޓާނުލާނެ ކަމަށެވެ. އަދި އަތޮޅުތަކާއި ރަށްތައް ތަރައްގީ ކުރައްވަން ސަރުކާރުން ކުރާ މަަސައްކަތުގައި ކުޑަކޮށް ވިޔަސް ފަހަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފ. އަތޮޅު ސައުދީ އަރަބިއްޔާ އަށް ވިއްކާލަން އުޅޭ ކަމަށް އިދކޮޅު ފަރާތްތަކުން ކެނޑިނޭޅި ބުނަމުންދާ ދަނޑިވަޅުގައި، މުއާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް ތަރައްގީ ގެންނަވަން ކުރައްވާ މަަސައްކަތްތަކަށް އިދިކޮޅު ފަރާރްތަކުން ހުރަސް ނޭޅުމަށެވެ. އަދި އެފަދަ ކަންކަމަށް ބާރު ނުދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ގައުމުގެ ނަން ކިލަނބުކޮށް އިގްތިސާދީގޮތުން ރާއްޖެއަށް ކުރިއެރުން ލިބެން އޮތް ގޮތްތަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުން ދިޔަކަމުގައިވީ ނަމަވެސް އެ ކަންކަމުގެ މައްޗަށް ސަރުކާރުން ކުރި ހޯދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ރާއްޖެ އަށް ތަރައްގީ ގެންނަން ކުރި މަަސައްކަތަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅި ނަމަވެސް ކާމިޔާބު ލިބިފައި ނުވާ ކަމަށާއި އަތޮޅުތަކާއި އެ އަތޮޅުތަކުގެ ރައްޔިތުންނަށް، މި ސަރުކާރުން ގެންނަން އުޅޭ ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން ކަންކަން އޮޅުވާލައި، އަޑު ފަތުރަމުން ދިޔަ ނަމަވެސް މި ސަރުކާރު ދެމި އޮތްހައި ދުވަހެއްގައި އެ މަސައްކަތް ނުހުއްޓާނެ ކަަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

ފ. އޮތޮޅު ސައުދީ އަރައްބިއްޔާއަށް ވިއްކާލައި އެ މަޝްރޫއު އެ އަތޮޅުގައި ފަށާ ނަމަ މަސައްކަތް ހުއްޓުވާނެ ކަމަށް ވަނީ އިދިކޮޅު އިއްތިހާދުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސަރުކާރުގެ ވަޒިރުންނާއި ޕިޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބުނީ ފ.އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެ އަތޮޅުގައި ހިންގަން ރާވާފައި ވަނީ ތަރައްގީގެ ވަރަަށް ބޮޑު މަޝްރޫއުއެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.