28 Feb 2017, 13:06
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް މަގުމަތިން ހުއްޓުވާކަމަށް ބުނެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްއާ ސުވާލުކުރުމަށް އިމްތިޔާޒް ކޮމެޓީއަށް ހާޒިރުކޮށްދިިނުމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން އެދިވަޑައިގެންފި އެވެ.
މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ޓްރެފިކް މައްސަލައަކާ ހިލާފު ނުވި ނަމަވެސް ތަކުރާރުކޮށް މެމްބަރުން ހިފަހައްޓަމުންދާ ކަމަށާއި އެކަމާ ގުޅިގެން ގިނަ މެމްބަރުންތަކަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަޔިވާ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ އެއް ގޮތަކަށް ވެސް މޯބައިލް ފޯނުން ވާހަކަ ދައްކަމުން ދަނިކޮށް ހިފަހައްޓާ ވާހަކައެއް ނޫން. އެހިސާބުން އެއޮތީ ކުށަކަށް އަރައިގަނެފައި. އަދި ލައިސެންސް ނެތި ހަމަ ކުރަން ޖެހޭ ލިޔުންތަށް ހަމަނުކޮށް ދުއްވާ ނަމަ އެހުރީ މައްސަލަ،" މުބީން ވިދާޅުވި އެވެ.
މުބީންގެ އިތުރުން އެ ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވެސް ވަނީ އެފަދަ އަމަލުތައް ހުއްޓުވުމަށް އިމްތިޔާޒް ކޮމެޓީން ކުރެވެން ހުރި ހުރިހާ ކަމެއްކޮށް މަޖިލީހުގެ 85 މެމްބަރުންގެ ކަރާމާތް ރައްކާތެރިކޮށްދިނުމުގައި މާލިއްޔަތުު ކޮމެޓީ ވީހާ ވެސް ބޮޑަށް މަސައްކަތް ކޮށްދިނުމަށް އެދިފަ އެވެ.
"..މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނުގައި ސާފު އިބާރާތުން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް މަޖިލީހުގެ މެމްބަރަކާއި ދޭތެރޭ އަމަލުކުރެވެމުންދާ ކަމަށް ކޮމެޓީގެ ސަމާލުކަމަށް މެމްބަރު ގެނައުމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އަޅުގަނޑު ހުށަހަޅަން،" ކޮމެޓީގައި ހިމެނިވަޑައިގެންނަވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މެމްބަރުންގެ ވާހަކަތަކަށް ފަހު ކޮމެޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ކޮމެޓީއިން ކުރެވެން ހުރި ކަންކަން ބަލައި ސީޕީ އަރީފް ހާޒިރުކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްއާ މަސްވަރާކުރުމަށް ފަހު ކަމަށެވެ.
މެމްބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މަޖިލިސް މެމްބަރުންގެ ގަޔަށް އަތްލައި އާންމު ތަނެގައި ބަލާ ފާސްކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ނަމަ އިހުތިރާމާ އެކު ބަލައި ފާސްކުރެވޭނެ ކަމަށް އެމާއްދާފައި ވަނީ ބުނެފަ އެވެ.
ޖިނާއީ މައްސަލައެއްގައި އާންމުތަކެއްގައި މެމްބަރަކު ބަލައި ފާސްކުރަން ވާނީ ވެސް ޝއްކެއް ނެތި ޔަގީން ކުރެވޭ މިންވަރަށް ތުހުމަތު ކުރެވިގެން ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ.