ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދޭން ނިންމި ތިން ރަށް ހަވާލު ނުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރު ދޭން ދައުލަތަށް ނުޖެހޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބުލިއު އެލްޓީއަށް ދޭން ޖެހޭ ތިން ރަށެއް ނުދީގެން ގެއްލުމުގެ ބަދަލު ހޯދަން އެކުންފުނިން ދައުވާ ކުރީ 2014 ވަނަ އަހަރު އެވެ.

ސިވިލް ކޯޓުންވެސް އޭރު ހުކުމް ކޮށްފައިވަނީ 112 މިލިއަން ޑޮލަރު ދޭން ދައުލަތަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެޑްވާންސް ފައިސާޖެހޭނެ ކަމަށް ސިވިލް ކޯޓުން ވެސް ވަނީ އަންގާފަ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ޑަބްލިއުއެލްޓީގެ ފަރާތުން އެއިމްސްއަށް ކުލީގެ ގޮތުގައި 16.9 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާކަން ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންވީމަ އެފައިސާ ޑަބުލިއުއެލްޓީއަށް ދޭން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ނަގައިދެވެން ނެތް ކަމަށް ބުނާ ބަޔަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

އެގޮތަށް ނިންމާފައިވަނީ ޑަބްލިއުއެލްޓީއަށް ނަގައިދިނުމަށް އެދިފައިވާ އަދަދު ނަގައިދޭންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތުމުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެގޮތަށް ހައިކޯޓުން ނިންމާފައިވަނީ، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ވިލާ އެއާ އަށް ސަރުކާރުން ކުއްޔަށްދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ސަރުކާރަށް ނެގުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން ވަނީ މިދިއަ ހަފްތާގައި ބާތިލުކޮށްފަ އެވެ.