ޏ. ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި، އަނެއް ސައިކަލް ދުއްވި ކުއްޖާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި 100،000 ރުފިޔާ ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ އުފުލީ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:30 އެހާކަންހާއިރު އެ ރަށުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެންނެވެ.

އެރޭ އިތުރު ކުއްޖަކާ އެކު ފުވައްމުލަކު ނައިބު ތުއްތު މަގުން މިސްކިތްމަގު އަވަށާވީކޮޅުން ދޫޑިގަން އަވަށާދިމާލަށް ބާރު ސްޕީޑުގައި އެކުއްޖާ ސައިކަލްގައި ދަނިކޮށް، އެވަގުތު އެ މަގުން ދިޔަ ސައިކަލެއްގައި ޖެހި ވަނީ އެކްސިޑެންޓުވެފަ އެވެ. އެ ސައިކަލް ދުއްވަން އިން އެ ރަށު ދަޑިމަގު އަތަ މުހައްމަދު ޝުޖާއު މަރުވެފައި ވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެކްސިޑެންޓުގައި މަރުވި ޝުޖާއު ސައިކަލް ދުއްވީ މަޑުން ކަމަށެވެ. މަގުގެ އަނެއްފަޅިއަށް އެޅުމުގެ ކުރިން ޝުޖާއު ސިގުނަލް ދީފައިނުވާ ކަމަށް މަންޒަރު ފެނުނު މީހެއްގެ ހެކިބަހުން އެނގެން އޮތް ނަމަވެސް، އެ އެކްސިޑެންޓު ހިނގާފައި ވަނީ މަގަށް ދޭންވާ ސަމާލުކަން ނުދީ ދައުވާ ލިބޭ ކުއްޖާ ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުންކަން ޝަރިއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ދައުވާ ލިބޭ ކުއްޖާ ސައިކަލް ދުއްވީ ބާރު ސްޕީޑުގައި ކަން ހެކީންގެ ހެކިބަހުން އެނގޭއިރު އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތް ކަމަށް އެ ހުކުމްގައިވެ އެވެ.

އެ އެކްސިޑެންޓަކީ، ގާނޫނާ ޚިލާފަށް މަގަށްދޭންވާ ސަމާލުކަން ދިނުމަކާ ނުލައި ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށް ޝަރީއަތުން ދެކޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ އެކްސިޑެންޓުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ފަރާތަކީ ދައުވާ ލިބޭ ކުއްޖާ ކަމަށާއި އެ ކުއްޖާ ގާނޫނާ ޚިލާފުނުވިނަމަ އެކްސިޑެންޓު ހިނގުމުގެ ފުރުސަތު ނުއޮންނާނެ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

މަރުގެ ދިޔައިގެ ފައިސާ ޝުޖާއުގެ ވާރިސުންނަށް ލިބިދިނުމުގެ ގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ފެމެލީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ކުއްޖާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ ކުށުގެ ކައްފާރައެއްގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ މުއްދަތަށް ރޯދަ ހިފުމަށް އެކުއްޖާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ހާދިސާގައި މަރުވި ޝުޖާއު ދުއްވި ސައިކަލުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ހައްގުގެ ވެރިފަރާތަށް އޮތްކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.