ވޮޝިންޓަން (ފެބްރުއަރީ 28): އެމެރިކާގެ ޕްރައިވެޓް ރޮކެޓް ކުންފުންޏެއް ކަމަށްވާ ސްޕޭސްއެކްސް އިން އަންނަ އަހަރު ދެ މީހަކު ހަނދު ވަށާ ކުރާ ދަތުރަކަށް ފޮނުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސްޕޭސްއެކްސްގެ ސީއީއޯ އެލަން މަސްކް ވިދާޅުވި ގޮތުގައި އެ ދެ ފަތުރުވެރިން ވަނީ އެދަތުރަށް ބޮޑު ހަރަދެއްކޮށްފަ އެވެ. އެއީ ކޮންބައެއްކަން ހާމަ ނުކުރެއްވި ނަމަވެސް މަސްކް ވަނީ އެއީ ހޮލީވުޑަށް ނިސްބަތްވާ ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މަސްކް ވިދާޅުވި ގޮތުގައި އެ ދެ މީހުން ހަނދު ވަށާ ކުރާ ދަތުރުގައި ބޭނުން ކުރާނެ ސްޕޭސްކްރާފްޓް އިންސާނަކާ ނުލައި މިއަހަރުގެ ފަހުކޮޅު ޓެސްޓު ދަތުރެއް ކުރާނެ އެވެ. އަދި ދަތުރުދާ ދެމީހުންގެ ސިއްހަތާއި ފިޓްނެސް ޓެސްޓުތައް ހަދައި، އެމީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް މަސްކް ވިދާޅުވި އެވެ.

ހަފްތާ އެއް ވާނެ ކަމަށް ބެލެވޭ އެދަތުރުގައި ސްޕޭސްކްރާފްޓް ހަނދު ވަށާ ދަތުރު ކުރި ނަމަވެސް ހަނދުގައި މަޑު ނުކުރާނެ ކަމަށް މަސްކް ވިދާޅުވި އެވެ. އެދަތުރު ކާމިޔާބުވެއްޖެ ނަމަ އެއީ ފާއިތުވި 45 އަހަރު ތެރޭ އިންސާނުން ދުނިޔެއާ އެހާ ދުރަށް ދަތުރުކުރި ފުރަތަމަ ފަހަރަށް ވާނެ އެވެ. (ބީބީސީ)