28 Feb 2017, 11:53
ގަވައިދާ ހިލާފަށް އަމަލުކުރާ ފުލުހުންނާ މެދު ފިޔަވަޅު އެޅުން އަވަސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާ ބެހޭ ގަވާއިދު މިހާރު ވަނީގެޒެޓްކޮށްފައެވެ. އެގަވައިދަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.
ފުލުހުންގެ ހެޑް އޮފް ސްޓްޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ސަން އަށް ވިދާޅުވީ އަލަށް އެކުލަވާލި ގަވައިދާ އެކު، ގަވައިދާ ހިލާފަށް އަމަލުކުރާ ފުލުހުންނަށް ނަސޭހަތްތެރިވެ ފިޔަވަޅުއެޅުން އަވަސްވެފައިވާ ކަމަށެވެ.
އާގަވައިދާ އެކު މިހާރު ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހެ އެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މީޑީއާއަށް މައުލޫމާތުދެއްވަނީ -- ސަން ފައިލް ފޮޓޯ
"ކުރީގައި ވިއްޔާ ވަކި މުއްދަތެއް ކަނޑައެޅިފައެއްނޯވޭ ވަކި މައްސަލައެއް ބަލާ އެކަންކަމާއި ފިޔަވަޅުއަޅާކަށް. މިހާރު ހެދިފައިވާ ގަވައިދުގެ ތެރެއިން ކޮންމެ ކަމަކަށް ވެސް މަރުހަލާއެއް ލެވިފައިވާނެ. ވަގުތެއް ކަނޑައެޅިފައި ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ބަލާ އެކަންކަން ދިރާސާކޮށް ފައްތަން،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގަވައިދުގެ ބޭނުމަކީ ފުލުހުންގެ ފަރާތުން ދެވޭ ހިދުމަތުގައި ޔަގީންކަމެއް ދިނުން ފުލުހުންގެ ހިދުމަތުގައި ރައްޔިތުން ގަބޫލް ކުރާ ފެންވަރުގައި ހިދުމަތް ދިނުން ކަމަށެވެ.
"ފުލުހުން ދޭ ހިދުމަތީ ރައްޔިތުން ގަބޫލްކުރާ ހިދުމަތަކަށް ހެދުމަށް އިސްލާހީ ފިޔަވަޅުތަކެއް މިގަވައިދުގެ ތެރެއިންނާއި އެހެނިހެން ކަންކަމުގެ ތެރެއިން ބަލަމުންދޭ،" ޝިފާން ވިދާޅުވި އެވެ.
ވަރަށް ފަހަކުން ވަނީ ބަދުއަހުލާގީ ފޮޓޯތަކެއް އަމިއްލައަށް ނެގި އަންހެން ފުލުހަކާއި އަމިއްލައަށް ބަދުއަހުލާގީ ވީޑިއޯ ހެދި ފުލުހުންގެ ކޮމާންޑަރަކު ވަޒީފާއިންވަކިކޮށްފަ އެވެ.
ފުލުހުންނާ މެދު ފިޔަވަޅު އެޅުން އަވަސްކޮށްފައިވާ އިރު ހުތުރު ބަހުން ވާހަކަ ދެއްކުމާއި ތަފާތު އަނިޔާތައް ފުލުހުންގެ ފަރާތުން ލިބިފައިކަމަށް ބުނެ އެތައް މައްސަލައެއް އިންޓަގުރިޓީ ކޮމިޝަނަށް ވެސް ވަނީ ހުށައަޅައިފަ އެވެ.