28 Feb 2017, 10:05
ސޯލް (ފެބްރުއަރީ 28) : އުތުރުކޮރެޔާގެ ރައީސް ކިމް ޖޮންގް އުންގެ އަމުރަށް އެގައުމުގެ ޖާސޫސީ އިދާރާގެ އިސް ފަސް އޮފިސަރަކަށް މަރުގެ އަދަބު ދީފި އެވެ.
މަރުގެ އަދަބު ދިން ފަސް އޮފްސަރުންނަކީ އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމުގެ އެންމެ އެތެރޭގެ ވަރަށް ސިއްރު މައުލޫމާތުތަކެއް އެނގިވަޑައިގަންނަވާ ޖާސޫސީ ފަސް މަސްއޫލުވެރިން ކަމަށްވެ އެވެ. އަވަށްޓެރި ދެކުނު ކޮރެޔާގެ ޖާސޫސީ އިދާރާ އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ބުނާ ގޮތުން މިދިޔަ ހަފްތާގައި ފަސް އޮފިސަރުންނަށް މަރުގެ އަދަބު ދިނީ މަތިންދާބޯޓަށް ހަމަލާދިނުމަށް ބޭނުންކުރާ ބޮޑުބަޑިއެއްގެ ބޭނުންކޮށްގެން ވަރަށް އަނިޔާވެރި ގޮތަކަށެވެ. މިހާ ވަރުގަދަ ހަމަލާއެއްދީގެން މަރުގެ އަދަބު ދިނުމުން އެ ފަސް އޮފިސަރުންގެ ހަށިތައް މުޅި ކުދިކުދިވެފައިވާ ކަމަށް ވެސް އެސޯސިއޭޓެޑް ޕްރެސް ބުނެ އެވެ.
އެމެރިކާގެ އެހެން ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސް ބުނާ ގޮތުން އެ ފަސް އޮފިސަރުންނަށް މަރުގެ އަދަބު ދިނީ އުތުރުކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންގެ ސީދާ އަމުރަށް ވަރަށް ކުއްލި ގޮތަކަށެވެ. އެމީހުންގެ ކުށަކީ ޖާސޫސީ ސިއްރު މައުލޫމާތުތަކެއް ބޭޒާރު ކުރިކަމަށް ޝައްކުވުން ކަމަށާއި އެމައްސަލަ އުތުރުކޮރެޔާގެ އެއްވެސް އިދާރާއަކުން ތަހްގީގް ވެސް ކޮށްފައި ނުވާ ކަމަށް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.
އުތުރުކޮރެޔާގެ ރައީސްގެ އެއްބަފާ ބޭބެ ކިމް ޖޮންގް ނަމް ވެސް ދާދިފަހުން ވަނީ ވިހަ ގޭހެއް ބޭނުންކޮށްގެން މެލޭޝިޔާގައި އަވަހާރަކޮށްލާފަ އެވެ. މިޖަރީމާގެ ފަހަތުގައި ވަނީ ވެސް އުތުރުކޮރެޔާގެ ސަރުކާރު ކަމަށް މެލޭޝިޔާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.
އުތުރުކޮރެޔާއަކީ ބައިނަލްއަގްވާމީ ނިޒާމުން ވަކިވެ އެހެން ގައުމުތަކާ ނުގުޅި އެގައުމު އަމިއްލަ އަމިއްލައަށް އުޅެމުންގެންދާ ވެރިކަމުގެ ވަރަށް ހަރުކަށި ނިޒާމެއް އޮންނަ ގައުމެކެވެ. އުތުރުކޮރެޔާގެ މިހާރުގެ ޒުވާން ލީޑަރު ކިމް ޖޮންގް އުންގެ ވެރިކަމުގައި އޭނާގެ ބޮޑު ބޭބެއަކާއި ބޮޑު ދައިތައެއްގެ ފިރިކަލުންނަށް ވެސް މަރުގެ އަދަބު ދީފައިވެ އެވެ. (ނިޔުޔޯކް ޓައިމްސް)