ރެއާލް މެޑްރިޑަށް ސްޕެނިޝް ލަ ލީގާ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެކްލަބުގެ ބްރެޒިލް ޑިފެންޑަރު މާސެލޯ ބުނެފިއެވެ.

ރަށުން ބޭރުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު ލަ ލީގާ މެޗުގައި ވިޔަރެއާލުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ރެއާލުން ވަނީ ތިން ލަނޑުޖަހައި ލީޑު ހޯދުމަށްފަހު ތިން ޕޮއިންޓް ހޯދައިފައެވެ.

ރެއާލް މެޑްރިޑަށް އެންމެ ފަހުން ލަ ލީގާ ކާމިޔާބުކުރެވިފައިވަނީ 2012 ވަނަ އަހަރެވެ. އެއަށްފަހު އެ ކްލަބަށް ލަ ލީގާ ކާމިޔާބުކުރެވިފައިނުވި ނަމަވެސް، މި ސީޒަނުގެ ލަ ލީގާގެ ޗެމްޕިއަނުންނަށް ރެއާލް މެޑްރިޑް ވާނެ ކަމަށް މާސެލޯ ގަބޫލުކުރެއެވެ.

"ބާސެލޯނާއިން އެމީހުން ކުރަންޖެހޭ ކަންތައްތައް ކޮށްފި. އުނދަގޫ ހާލަތަކަށް ވެއްޓުމަށްފަހު އެޓީމުން މެޗުތައް ކާމިޔާބުކުރަން މަސައްކަތްކުރި. މިހާރު ލަ ލީގާ އޮތީ އަހަރެމެންގެ އަތްމަތީގައި. އަހަރެމެން ހުރިހާ މެޗެއް ކާމިޔާބުކޮށްފިނަމަ، ޗެމްޕިއަނުންނަށް ވާނެ،" އޭނާ ބުންޏެވެ.

ލަ ލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ރެއާލްއާއި ވާދަވެރި ބާސާއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނަމަވެސް ރެއާލަށް ފައިދާ އެއް މެޗު އެބައޮތެވެ. ފާއިތުވެދިޔަ ދެ ސީޒަނުގެ ލަލީގާ ޗެމްޕިއަނުންނަކީ ބާސާއެވެ.