28 Feb 2017, 09:04
ފުލުހުންގެ ތެރެއިން ކުށެއް ކުރެވޭ ކޮންމެ ފަހަރަކު ފުލުހުންގެ މުއައްސަސާ އަށް ބަދުބަސް ރައްދު ކުރުން އެއީ ދިވެހި މުޖުތަމައުން ފިލުވާލަންޖެހޭ ވަބާއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އިޓަލީގެ ވެސްޓާން ސިޑްނީ ޔުނިވާސިޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ހިންގި އިންސިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމެންޓް ސްޓަޑީޒްގެ ދަސްވެނިންނަށް ސަނަދު ދެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ، ފުލުހުންނަށް ކުށެއް ކުރެވުމުން ބަދުބަސް ރައްދުކުރުން ފިލުވާލުމަށް ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ފުލުހުންނާ ދޭތެރޭގައި، ފުލުހުންގެ އަހުލާގީ މިންގަނޑާ ދޭތެރޭގައި ސުވާލު އުފައްދާކަށް ޖާގައެއް ނޯންނާނެ. އެހެންނޫނީ ކުރިން ދެންނެވި ފަދައިން ފުލުހުންގެ ތެރެއިން ކުށެއް ކުރެވޭ ކޮންމެ ފަހަރަކު އަޅުގަނޑު މެންނަށް ފުލުހުންގެ މުއައްސަސާއަށް ބަދުބަސްތައް ރައްދުކުރާ ކަމީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފިލުވާލަންޖެހޭ ވަބާއެއް. މިކަން ފިލުވާލުމަށްޓަކައި ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" އަޒްލީން ވިދާޅުވިއެވެ.
އޭގެ އިތުރުން ދިވެހިި ފުލުހުންނަކީ ތައުލީމީ ގޮތުން ކުރިއަރައި، ތައުލީމީ ގޮތުން ކާމިޔާބު ބަޔަކަށް ވުމަށް އަޒްލީން ވަނީ ހުރިހާ ފުލުހުންނަށް ގޮވާލައްވާފައެވެ.
އަޒްލީން ވިދާޅުވީ، ދިވެހި ފުލުހުންނަކީ ތައުލީމީ ގޮތުން ގާބިލް، ހުނަރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޔާމީންގެ އަމާޒުފުޅެއް ކަމަށެވެ.
"ފުލުހުންގެ ތެރޭގައި ތިއްބެވި އެންމެހާ ބޭފުޅުންނަކީ ތައުލީމީ ގޮތުން ކުރިއަރައި، ގާބިލް، ހުނަރުވެރި، ޒިންމާދާރު އަދި އިލްމީ ބައެއް ކަމުގައި ވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށްވެސް ބޮޑު އަމާޒެއް. އެކަމަށްޓަކައި އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ،" އަޒްލީން ވިދާޅުވިއެވެ.
އިންސިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމެންޓް ސްޓަޑީޒް ގެ ދަސްވެނިންނަށް ސަނަދު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދިވެހި ޑިމޮކްރަސީގެ ހަޔާތުގައި ދިވެހި ފުލުހުންނަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކަކީ ތާރީހު ހެކިދޭނެ ގޮންޖެހުންތަކެއް ކަމަށާއި އެ ދެންނެވިފަދަ ގޮންޖެހުންތަކުގެ ހައްލު ފެނިގެންދާނީ އިލްމުގެ ތެރެއިން ކަމަށް ވުމުން ދިވެހި ފުލުހުންނަކީ އިލްމީ ގޮތުން ގާބިލް ބަޔަކަށް ވާންޖެހޭ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރޭ ދަސްވެނިވިކަމުގެ ސަނަދު ލިބުނު ފުލުހުން ވާންވާނީ ސަނަދު ހާސިލްކުރުމުގެ ކުރިން ނެތް ބަދަލު ތަކެއް އަންނަން ޖެހޭނެ ބަޔަކަށް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ ހަތަރު ކޯހަކުން 100އަށް ވުރެ ގިނަ ދަސްވެނިވި ފުލުހުންނަށް ސަނަދު ހަވާލުކޮށްފައެވެ. އެ ހަތަރު ކޯހަކީ:
ބެޗެލާސް އޮފް ސައިންސް އިން ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމެންޓް ސްޓަޑީޒް
- އެސޯސިއޭޓް ޑިގްރީ އިން ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމެންޓް ސްޓަޑީޒް
- ޑިޕްލޮމާ އިން ޕޮލިސިން
- ޑިޕްލޮމާ އިން ފޮރެންސިކް އިންވެސްޓިގޭޝަން