29 Jun 2011, 21:01
ރޭޑިއޯ ޗެނަލް ދިއެފްއެމް އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފޮނުވި ހަބަރެއްގެ މައްސަލައިގައި އެ ސްޓޭޝަނުން ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ސަންއަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނަނީ ޑިސެމްބަރު 29، 2010 ވަނަ ދުވަހު ހެނދުނު ދިއެފްއެމުން ފޮނުވި ހަބަރެއްގައި އެ އަހަރުގެ އޯލެވެލް އިމްތިހާނުގެ ޕޭޕަރުތައް ގެއްލިގެން އުޅުނު ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"... ގެއްލުނު ޕޭޕަރުތައް ހޯދަމުން ދަނިކޮށް ފެނުނީ މަސް ކޮންޓެއިނަރެއްގެ ތެރެއިން ކަމަށާއި މިހަބަރު ދިއެފްއެމް ރޭޑިއޯއަށް ދީފައި ވަނީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ މުވައްޒަފެއް ކަމަށް ބުނެފައިވާތީ އެ މައްސަލައާ ގުޅިގެން މި ސާވިސް އިން އިތުރަށް މައުލޫމާތު ސާފު ކުރަން ބޭނުންވެއެވެ." ފުލުުހުންގެ ސިޓީގައި ވެއެވެ.
އިއްޔެ ތާރީހު ޖަހައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަޒުހާން ސޮއިކުރައްވާފައިވާ ސިޓީގައި ދެން ބުނެފައި ވަނީ ވީއެންމެ އަވަށް ފުރުސަތެއްގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވާނެ ފަރާތެއް ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްދެވޭނެ ދުވަހަކާއި ގަޑި އަންގައި ދިނުމަށެވެ.
ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ ވިދާޅުވީ، ފުލުސް އޮފީހުން އެފަދަ ސިޓީއެއް ފޮނުވައި ހާޒިރުވާނެ ދުވަހަކާއި ގަޑި ދިނުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އަދި އެކަން ކުރައްވާފައި ނުވާނެ ކަމަށެވެ. ވިދާޅުވީ ސޯސް ހާމަކުރާނެ ހަމައެކަނި ގޮތަކީ ޝަރުއީ މަރުހަލާ ކަމަށެވެ.
"މިކޮޅަށް އެކަން ދޫކޮށްލާފައި އޮތީ އެހެންވީމާ އަދި އެއަށް ޖަވާބެއް ނުދެން. އެކަމަކު އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ހައިރާންވެފައި ބްރޯޑް ކާސްޓިން ކޮމިޝަނަކާއި މީޑިއާ ކައުންސިލެއް އޮއްވާއި ފުލުހުން މައްސަލަ ބަލާ ގޮތަށް ފުލުސް އޮފީހަށް ހާޒިރުކުރާތީ. މިކަމުގައި އޮތް ޖިނާއީ ގޮޅިއަކަށް ފެތޭ ކަމެއް އަޅުގަނޑަކަށް ނުވިސްނޭ" މަސްއޫދު ވިދާޅުވި އެވެ. "އަދި ފުލުހުން މިކަމުގައި ސާފު ކުރަން ބޭނުންވަނީ ކޮން ކަމެއް ކަމެއްވެސް އަޅުގަނޑަކަށް ސާފެއްނުވޭ. އެހެންވީ ވަރަށް ހައިރާންވޭ،"
އޭނާ އަދި ވިދާޅުވީ ފުލުހުންނަށް ޖަވާބުދާރީވުމުގެ ކުރިން މިފަދަ ކަންކަމުގައި މީޑިއާ ކައުންސިލައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ދައުރަކީ ކޮބައިތޯ ސާފު ކުރުމަށް މާދަމާ އެ ދެފަރާތުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. ދިއެފްއެމް ފުލުހަށް ހާޒިރު ކުރުމަކީ "ހުދުމުހުތާރު ބިރު ދެއްކުމުގެ އަމަލެއް" ކަމަށް ސިފަ ކުރެއްވޭ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
ފުލުސް މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ދިއެފްއެމްގެ މުވައްޒަފުކަ ހާޒިރުކޮށް ދިނުމަށް އެންގީ ޕަބްލިކް އެގްޒަމިނޭޝަނުން އެ މައްސަލަ ހުށަހަޅާފައިވާތީ އެކަން ހިނގާފައިވާ ގޮތެއް ސާފު ކުރަން ކަމަށެވެ.
"އެފަރާތުން އެބަ ބުނޭ. އެއީ ބައިނަލްއަގުވާމީ އިމްތިހާނަކާ ގުޅޭ ކަމަށްވުމުން ތަފާތު މައްސަލަތަކާ ދިމާވަމުންދާ ކަމަށް. އަދި އެއީ ދޮގު މައުލޫމާތު ކަމަށް. އެހެންވެ އެކަން ހިނގައި ދިޔަ ގޮތް ސާފު ކުރުމަށް ހާޒިރުވާން އެންގީ،" ޝިޔާމް ވިދާޅުވި އެވެ.