29 Jun 2011, 17:46
ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ޑެންގޫ ހުމުގައި މިހާތަނަށް ހަތަރު ކުއްޖަކު މަރުވެފައިވީ ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެކު، ޑެންގީ ހުން ކޮންޓްރޯލް ކުރުމުގެ ހާއްސަ ޕްރޮރާމް ފެށުން އަންނަ ހަފްތާ އަށް ފަސްކޮށްފައިވާތީ ޑީއާރްޕީންނާއި ޒެޑް-ފެކްޝަނުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ޒެޑް-ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން ވިދާޅުވީ ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެން ފެށުމުން، މަދިރި ކޮންޓްރޯލް ކުރުމަށް ޓަކައި "މިއަދު ކޮންމެހެން" ޕްރޮގްރާމެއް ހިންގަން ނުޖެހޭނެ ކަމަށާއި އެ ޕްރޮގްރާމްތަކަކީ އަބަދު ވެސް ހިންގަމުންދާން ޖެހޭނެ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި މަދިރި ކޮންޓްރޯލް ކުރުން ފަދަ ޕްރޮގްރާމެއް ފައްޓަން ވަޒީރުންގެ މަޖިލީހުން ނިންމެވީތީ އެކަމަށް ޔުމްނާ ފާޑުވިދާޅުވި އެވެ.
"އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ކޮންކަމެއްތޯ ސަރުކާރުން ކުރަނީ. މިއަންނަ ހަފްތާގައި ފައްޓަން ކެބިނެޓުން ނިންމި ނިންމުމަށް ދަންނަވާނީ، ހަގީގަތުގައި ކެބިނެޓުން ނިންމަން ޖެހޭ ވަރުގެ ނިންމުމެއް ނޫނޭ. ކުރިންވެސް ގަވާއިދުން މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކަންތައްތަކެއް ހިންގެމުން އައީ ޑަބިލިއުއެޗްއޯގެ އެހީގައި. މިހާރު ކީއްވެތޯ ފައްޓަވަންވީ. ތިން ކުދިން މަރުވީމަތޯ،" ޔުމްނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޕީކް ލެވަލްއެއްގައި ފެތުރެމުން އަންނަ ޑެންގީއާ ގުޅޭ ގޮތުން ޑީއާރުޕީން ވެސް ވަނީ ކަންބޯފުވުން ފާޅުކޮށްފަ އެވެ. ޑީއާރުޕީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޑެންގޫ ހުން ރާއްޖޭގައި ހަލުވިމިނެއްގައި ފެތުރި އެތައްބަޔެއްގެ ފުރާނަ ގެއްލިގެންދާ އިރު ވެސް ސަރުކާރުން ފިޔަވަޅުތަކެއް ނާޅާ ތިބުމަކީ މި ސަރުކާރުގެ ސިއްހީ ސިޔާސަތު ވަރަށް ބޮޑަށް ފެއިލްވުން ކަމަށެވެ. އަދި ވިދާޅުވީ ޑެންގީގެ ހުން މިހާ ނުރައްކާތެރި ދަރަޖައަކަށް ދިޔުމުގެ ޒިންމާ މި ސަރުކާރުން ނަގަން ޖެހޭނެ ކަމަށެވެ.
"ޑެންގޫ މިހެން ފެތުރެމުން ދާއިރު ވެސް ސަރުކާރުން އަދިވެސް އުޅެނީ މިކަމުގައި ވެސް ލަސްކުރަން. އަޅުގަނޑަށް ފެނޭ [ނޫސްތަކުގެ] ކޮމެންޓްތަކުން ވެސް މި ސަރުކާރުން އުޅެނީ އެންމެ ފަހުން މިކަމުގައި ވެސް ޝޯއެއް ކުޅެންކަން. އެތައް ބަޔެއްގެ ފުރާނަދާ އިރު ރަސްމިއްޔާތެއް ބާއްވަން މި ސަރުކާރުން އުޅެނީ. މިކަން ވެސް ސިޔާސީ ކުރަން މަސައްކަތް ކުރަނީ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވެ ދެރަވާ މައްސަލައެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެކަށީގެންވާ ފިޔަވާޅުތަކެއް ނާޅާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ކަބޮޑުވެފައިވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކެއް ދިމާވެގެން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ އިހްމާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.