27 Feb 2017, 14:43
ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ސޮއިކުރުވާ ކަމަށް ބުނެ އެކަމާ މެދު މަޖިލީހުން ދެކޭގޮތް ބަލަން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އެ ގަރާރު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 38 މެމްބަރުން ވަނީ ވޯޓު ދީފައެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ 20 މެމްބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ތިން މެމްބަރުން ތިއްބެވެ.
އެގަރާރު މަޖިލީހަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ސަރުކާރުން "މުވައްޒަފުންގެ ހައްގުތަކަށް އަރައިގަނެ، މުވައްޒަފުންގެ ކަރާމާތާއި އިހްތިޔާރަށް އަރާގަންނަމުންދާތީ" ކަމަށެވެ.
ގަރާރު ހުށަހެޅި ސަބަބުތައް
- މަޖުބޫރު ކުރުވައިގެން ސަރުކާރު މުވައްޒަފުން ލައްވައި ޕީޕީއެމަށް ސޮއިކުރުވުން
- ޕާޓީއަށް ސޮއި ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރުދެއްކުން
މިއަދު ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާ ކުރިއަށް ގެންދިޔަ އިރު މެމްބަރުންގެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުންގެ ކަމަކާ ދޭތެރޭ ދެކޭގޮތް ހާމަކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ އެވެ.