ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައީދު، އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ސަރުކާރާ ހިޔާލު ތަފާތުވެފައިވާ އަދާލަތު ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދި އެ ޕާޓީއަށް ޝަހީމް ހުށަހަޅުއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޝަހީމް އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި، އަދާލަތު ޕާޓީން ވަކިވެވަޑައިގަތީ ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ހިޔާލު ތަފާތުވުމަށްފަހުއެވެ. އަދި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގަތް ނަމަވެސް އެ ޕާޓީގެ އެއްވެސް ފަރާތަކަށް އެ ބޭފުޅާގެ ހިތުގައި އެއްވެސް ނުތަނަވަސް ކަމެއް ނުގެންގުޅުއްވާނޭ ކަމަށެވެ.

"އަޅުގަނޑުގެ މި ނިންމުމުގެ ސަބަބުން މާތްﷲ އިރާދަކުރެއްވިއްޔާ އަޅުނގަޑު ކުރަމުން އަންނަ އިސްލާމީ އެއްވެސް މަސައްކަތަކަށް އުނިކަމެއް ނާންނާނެ. ދުނިޔޭގައި ހެޔޮ ހާލުގައި މާތްﷲ ލެހެއްޓެވިހާ ދުވަހަކު އިސްލާމް ދީނާ ދިވެހި ގައުމަށް ހިދުމަތް ކުރުންމަތީ ދެމިހުރުމަކީ އަޅުނގަޑުގެ އެންމެ މަތިވެރި އެއް އަޒުމެވެ،" ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

އިޖްތިމާއީ މަސައްކަތްތަށް ނުކުމެ ދީން ކުރިއެރުވުމަށް ބޭނުންވާ ކަމަށް ވިދާޅުވެ، ސިޔާސީ ކަންތައްތަކުން ދުރަށްޖެހިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި މި ސަރުކާރުގައި ވެސް ޑރ. ޝަހީމް ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމް ފުރުއްވާފައެވެ. ނަމަވެސް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ވަނީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމް ޝަހީމް އައްޔަން ކުރައްވައިފައެވެ. އަދި މިހާރު އެ މަނިކުފާނަކީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރެވެ.